އާއަހަރާ ދިމާކޮށް އެމެރިކާގެ ޓެކްސަސްގައި ވެހުނު ވާރޭގައި އާދަޔާ ޚިލާފު ޤަބޫލުކުރަންދަތި މަންޒަރެއް ފެނިގެންދިޔައެވެ
އެމެރިކާގެ ޓެކްސަސްއަށް ވެހުނު ވާރެކާއެކު މަސްތަކެއް ފައިބަމުންދިޔަކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. ރިޕޯޓްތައް ބުނާގޮތުން އެޤައުމުގެ މީހުން މިވާރޭ ސިފަކޮށްފައިވަނީ “އެނިމަލް ރެއިން”ގެ ގޮތުގައެވެ. ވާރެޔާއެކު ރަށުތެރެޔަށް ފައިބަމުންދިޔައީ ދިގު މިނުގައި 4-5 ވަރަށް އިންޗި ހުރި ހުދުކުލައިގެ މަސްތަކެކެވެ. މި މަސްތަކަކީ ޅަމަސްތަކެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ސިޓީ އޮފް ޓެކްސަކާނާގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ ދުނިޔޭގައި 2021 ވަނަ އަހަރު އާދަޔާ ޚިލާފު ގިނަ ކަންތައް ހިގަމުންދާ ކަމަށާއި އޭގެތެރޭގައި ވެހުނު މަހުގެ ވާރޭވެސް ހިމެނޭ ކަމަށެވެ.
މަންޒަރުދުށް މީހުން ބުނާގޮތުގައި ގުގުރާ ކަހަލަ އަޑެއް އިވެންފެށުމުން ބަލާލިއިރު ވާރެޔާއެކު ޅަމަސްތަކެއް ރަށުތެރެޔަށް ފައިބަމުންދިޔަ ކަމަށާއި މަހުގެ ވާރޭ ވެހޭނެކަމަށް ފުރަތަމަ ޤަބޫލުކުރަންވެސް ދަތިވި ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން މިގޮތަށް ޖަނަވާރު ވާރޭ ވެހެން ދިމާވަނީ ވޯޓާ ސްޕައުޓްސްތައް އުފެދި މޫދުގައިވާ ލޮނުގަނޑާއެކު މައްޗަށް އަރާއިރު އެތަނުގައި އެވަގުތަކު އުޅޭ ކަކުނި، ބޮއް އަދި ކުދިކުދި މަސްތަކާއެކު މައްޗަށް އަރާފައި ވާރޭ ވެހޭއިރު މަތިން ފައިބއެވެ.
މަހުގެ ވާރޭ ވެހުމަކީ މަދުންނަމަވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިމާވާ އާދަޔާ ޚިލާފު ކަމެކެވެ.

