މިއަދުން ފެށިގެން ގދ.ތިނަދޫ ރަސްމީ ފާލަމު ސަރަހައްދުން މަސްބޭނުމަކީ މަނާކަމެއް ކަމުގައި ތިނަދޫ ކައުންސިލުން އަންގައިފިއެވެ.
ކައުންސިލުން ނެރުނު އިއުލާނުގައި ބުނާގޮތުން ތިނަދޫ ފާލަމުން ފެށިގެން 300 ފޫޓުގެ ސަރކަމްފަރެންސް ސަރަހައްދުން މަސްބޭނުމަކީ މަނާ ކަމެއް ކަމަށާއި މިސަރަހައްދުން މަސްބާނާ މީހުންނާމެދު ޤަވައިދުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އިއުލާނުގައި ބަޔާންކޮށްފައިވާ ސަރަހައްދުން އެއްވެސް ބާވަތެއްގެ މަސްބާނާ މީހުން ބަލާ އެސަރަހައްދު ބެލެހެއްޓުމަށްޓަކައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ކައުންސިލުން ވަނީ އަންގާފައެވެ. މިއެންގުމާ ޚިލާފުވާ މީހުން 1000 ރުފިޔާއަށް ޖޫރިމަނާ ކުރާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ތިނަދޫ ބަދަރުބެލެހެއްޓުމާއި ބެހޭ ޤަވައިދުގެ ދަށުން 05 ޖެނުއަރީ 2022 އިން ފެށިގެން ފުލުހުންނާއި ގުޅިގެން ބަދަރު ބަލަހައްޓާ ރައްކާތެރިކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ތިނަދޫ ރަސްމީ ފާލަމުގައި ގުރޫޕްހަދާފަ އަދި ވަކިވަކި ފަރުދުން ރޭގަނޑުވެސް މަސްބޭނުމުގައި ހަރަކާތްތެރިވާ މަންޒަރަކީ ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. މަސްބޭނުންމަށްފަހު ފާލަންމައްޗަށް މަސްލެޔާ އެހެނިހެން ތަކެތި އަޅާފައި ހުންނަކަން މީގެ ކުރިން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި ތަކުރާރުކޮށް އެގޮތަށް ކަންތައް ނުކުރަން ވަނީ އަންގާފައެވެ.
ފަހުގެ ފާލަމަކީ ރަށަށް އަންނަ މެހެމާނުންނަށް މަރުހަބާ ކިޔަން ތައްޔާރުކުރެވިފައިވާ ތަނެކެވެ. އެތަން ހަޑިކޮށް އޮތުމުން މުޅިރަށަށްވެސް ލިބިގެންދާނީ ހުތުރު ނަމެކެވެ. އެހެންކަމުން މިފަދަ ކަންތައްތައް ހައްލުކުރުމަށްޓަކައި ކައުންސިލުން މިވަނީ މަސައްކަތް ފަށާފައެވެ.

