2021 ވަނަ އަހަރުގެ 30 ޑިސެމްބަރާ ހަމަޔަށް ރައީސް ދިވެހިރާއްޖޭގައި ރައްޔިތަކަށް ކަރަންޓާ ބެހޭގޮތުން ވެފައިވާ ވައުދެއް މިވަގުތު ނުފުއްދިއެއް ނޯންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓާރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ނ. މަގޫދޫ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މުޅި ދުނިޔޭގައި ވެސް ސައްތައިން ސައްތަ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދިން ލީޑަރަކީ ރައީސް ސޯލިހު ކަމަށެވެ.
ސައީދު ވިދާޅުވީ ފެނަކައިން ވަކި ފިކުރަކަށް ވަކި ރަށަކަށް ބެލުމެއްނެތި ރައީސްގެ ވައުދު ރަނުން ރަނަށް ފުއްދައިދެމުންދާކަމަށާއި، ރަށެއްގެ ކަރަންޓު ކެނޑިދާނެތީ ހުކުރެއް އީދެެއް ބެލުމެއް ނެތި ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށެވެ.
މީގެ އިތުރުން ސަޢީދު ވިދާޅުވީ، ކަރަންޓަކީ ކެނޑިދާނެ އެއްޗެއް ކަމަށާއި، ނިއުޔޯކު ނުވަތަ ސިންގަޕޫރު ފަަދަ ތަރައްގީ ވެފައިވާ ގައުމުތަކުން ވެސް ކަރަންޓު ކެނޑިދާނެކަމަށެވެ. އެހެން ނަމަވެސް ކަރަންޓު ކެނޑިއްޖެ ހާލަތެއްގައި ވެސް ކުރަންޖެހޭނެ ހަމައެކަނި ކަމަކީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް އަވަސް ހައްލެއް ގެނައުން ކަމަށެވެ. މިވަގުތު ފެނަކައިގައި ކަރަންޓު ކެނޑުމުން އަވަސް ހިދުމަތް ދެވޭނެ ގާބިލުކަން އެބަހުރި ކަމަށް ސަޢީދު ވިދާޅުވިއެވެ.
ފެނަކާއިން ދަނީ ގިނަ ރަށްތަކެއްގެ އިންޖީނުގެތައް ޒަމާނީ ފެންވަރުގައި އަޅަމުންނެވެ. އަދި ފެނަކަ މެނޭޖިންގ ޑިރެކްޓާރ ސަޢީދު މީގެ ކުރިން ވިދާޅުވީ 99 ޕަސެޓުގެ އިންޖީނުގެ ރައްޔިތުން އުޅޭ ސަރަހައްދުތަކާ ދުރުގައި ގާއިމްކޮށްފައިވާ ކަމަށެވެ.

