އިދިކޮޅުން ހިންގާ “އިންޑިޔާ އައުޓް” ކެމްޕެއިންގެ ދަށުން މިއަދު ބޭއްވުނު ހިނގާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން 7 މީހަކު ހައްޔަރުކޮށްފިއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއަދު ހަވީރު ބޭއްވު ހިނގާލުމަށް ފުލުހުން ހުރަސްއަޅާ ހިނގާލުމުގެ ބައިވެރިން ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކުރި މީހުންގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި، މާލެ ސިޓީ ކައުންސިލްގެ ޕީޕީއެމްގެ ކައުންސިލަރު އައިފާން ހިމެނޭ ކަމަށެވެ.
އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގަމުން އަންނަ “އިންޑިއާ އައުޓް” ކެންޕެއިންއަށް ދިޔަ މީހުން މަގުމައްޗަށް ނުކުތަނުދީ ފުލުހުންވަނީ މުޒާހަރާއަށް ހުރަސްއަޅާފައެވެ.
މިއަދުއޮތް ހިނގާލުމުތެރެއިން 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުއިރު އިއްޔެވެސް ފުލުހުންވަނީ މުޒާހަރާއަށް ހުރަސްއަޅާ ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމަށް ބުނެ 11 މީހަކު ހައްޔަރުކޮށްފައެވެ.
އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލުން މިނިވަންވުމާއެކު “އިންޑިއާ އައުޓް” ކެންޕެއިންވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. މިގޮތުން ރައީސް ޔާމީން ގެންދަވަނީ އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ކެންޕެއިން ހަރަކާތްތައް ހިންގެވުމަށް ރަށްރަށަށް ވަޑައިގަންނަވަމުންނެވެ.

