ހެލްތް ޕްރޮޓެކްޝަން އެޖެންސީން ޓޫރިސްޓް އުޅަނދުފަހަރު އޮޕަރޭޓް ކުރުމަށް ކަނޑައަލާފައިވާ ގައިޑަލައިނާ ހިލާފްވުމުން އުޅަނދަކަށް ދޫކޮށްފައިވާ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ބާތިލްކޮށްފިއެވެ.
އެހެންނަމަވެސް އެއީ ކޮންކުންފުންޏެއްގެ އުޅަދެއް ކަމެއް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިނުވެއެވެ. ނަން ސިއްރުކުރުމަށްފަހު އުޅަދުގެ ހުއްދަ ބާތިލްކުރިކަން އެމިނިސްޓްރީން ހާމަކޮށްފައިވުމުން ގަވައިދާ އެއްގޮތަށް ރާއްޖޭގައި އޮޕަރޭޓް ކުރާ ބޮޑެތި ކުންފުނިތަކުން ދުއްވާ އުޅަނދުތަކަށްވެސް ރައްދު ވެއެވެ. އަދި ގަވައިދާ ހިލާފުވީ އެފަދަ ކުންފުންޏެއްގެ އުޅަނދެއްކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ޕީސީއާރް ޓެސްޓު ކުރުމުގެ މިންގަނޑުތަކާ ހިލާފުވެގެން ފަތުރުވެރިންނަށް ހިދުމަތް ދޭ ޓޫރިސްޓް އުޅަނދަކަށް ދޫކޮށްފައިވާ ހުއްދަ ވަނީ ވަގުތީ ގޮތުން ހިފަހައްޓާފައި ކަމަށާއި އެކަން މޯލްޑިވްސް އިމިގްރޭޝަނަށް އަންގާ އެ އިދާރާގެ ލިސްޓުން ވެސް އެ އުޅަނދުގެ ނަން އުނިކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެއުޅަނދަށް އަލުން ހުއްދަ ދެވޭނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ “ޕަބްލިކް ހެލްތް އިންޓަވެންޝަން ޓު ޕްރިވެންޓް ކޮވިޑް-19 ޓްރާންމިޝަން އިން ދަ ޓޫރިޒަމް ސެކްޓާގެ ވާޝަން ހަތަރެއްގެ ގައިޑްލައިންގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ޓޫރިސްޓް އުޅަނދުގެ ކަންތައްތައް ހުރިތޯ ބަލައި ކަށަވަރު ކުރުމަށް ފަހުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންގާފައެވެ.
ރާއްޖެއިންވެސް އޮމިކްރޮން ވޭރިއަންޓް ފެނިފައިވާތީ، ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުން ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

