ގދ.ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގައި ކުރިޔަށް ގެންދިޔަ ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން މާތޮޑިއަންސްއިން ހޯދައިފިއެވެ.
ރޭގެ މެޗުގައި ވާދަކުރީ އެފްސީ ކަންމަތި އާއި މާތޮނޑިއަންސްއެވެ. މިދެޓީމަކީވެސް މިމުބާރާތުގައި ކުޅުނު އެންމެ ވަރުގަދަ ދެޓީމެވެ. ރޭގެ މެޗުގައި ދެޓީމުންވެސް ދައްކާލީ ފުރިހަމަ ކުޅުމެކެވެ. އަދި ފައިނަލުގައި އެފްސީ ކަންމަތި 1-4 އިން ބަލިކޮށް މާތޮޑިއަންސް މިވަނީ މުބާރާތުގެ ތަށި ހޯދާފައެވެ.
ރޭގެ މެޗުގެ ޝަރަފުވެރި މެހެމާނަކީ ގދ.އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އާއި ރައްޔިތުންގެ މަޖުލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްއެވެ.
މިމުބާރާތަކީ ފަރެސްމާތޮޑާގެ ޑަބްލިޔު.ޑީ.ސީގެ އިތުރުން ވަރަށް ގިނަ ބަޔެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރިޔަށް ގެންދެވޭ މިމުބާރާތަކީ ވަރަށް ފުރިހަމަ މުބާރާތެއް ކަމަށް ފަރެސްމާތޮޑާގެ ކައުންސިލްގެ ނައިބްރައީސް ނަސްރުﷲ މުހައްމަދު ވަނީ ވިދާޅުވެފައެވެ. އަދި ވަކިން ހާއްސަކޮށް އެރަށުގެ މަސްވެރިންނާއި ވިޔަފާރިވެރިންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެންދިޔަކަން ނަސްރުﷲ ފާހަގަކުރެއްވިއެވެ. އެފަރާތްތަކަށް ކައުންސިލްގެ ނަމުގައި ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
މިރަސްމިއްޔާތުގައި ފަރެސްމާތޮޑާގައި ދުއްވާ ހުރިހާ މަސްދޯންޏެއްގެ ކެޔޮޅުންނާއި އެރަށުގެ ވިޔަފާރިވެރިން ވަނީ ބައިވެރިވެފައެވެ.
މުޅިމުބާާރާތުގެ މޮޅު ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ:
- ބެންޑިޓްސް ޓީމްގެ އަހުމަދު ޝުއައިބް
- ބެންޑިޓްސް ޓީމްގެ ނިޝާން އަހުމަދު
- މާތޮޑިއަންސް ޓީމްގެ މުއާޒް އަހުމަދު
- މާތޮޑިއަންސް ޓީމްގެ ވިޝާހު
- އެފްސީ ކަންމަތި ޓީމްގެ ޝައްފާހު ހަސަން އެވެ.
މުޅިމުބާރާތުން އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ މާތޮޑިއަންސް ޓީމްގެ ޝުޖާއުއެވެ.
މާތޮޑިއަންސް މިމުބާރާތް ކާމިޔާބު މިކުރީ ޖެހިޖެހިގެން 2 ވަނަ ފަހަރުއެވެ. އެޓީމުންވަނީ ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖްގައި 5 ފަހަރު ތަށި ހޯދާފައެވެ.

