އިންސާނާގެ އަސާސީ ބޭނުންތަކަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ، ގިނަބަޔެއްގެ ޖަވާބަކަށް، ކާބޯތަކެތި، ބޯހިޔާވަހިކަން، އަދި އަންނައުނު ކަމުގައި ބުނުން އެކަށީގެންވެއެވެ. ނަމަވެސް ތަފާތު ޖީލުތަކަށް ބަލާއިރު، އަސާސީ ބޭނުންތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.
ފަހުގެ ޖީލުތަކަށް ބަލާއިރު، އިންސާނާ ބޭނުންވާ އަސާސީ ބޭނުންތަކުގެ ތެރޭގައި މޯބައިލް ފޯނު ވެސް ހިމެނިގެން ދެއެވެ. ކަންމިހެން އޮތްނަމަވެސް، އެހެން ހުރިހާ ޖަނަވާރުތަކާއި ތަފާތުކޮށް އިންސާނުންގެ ކިބައިގައި ޤުދުރަތުން ލައްވާފައިވާ، ތަފާތު ބޭނުންތަކުގެ ތެރޭގައި، އިންސާނާގެ ކިބައިގައިވާ، އޯގާތެރި ބީހުމަށް ބޭނުންވާ ބޭނުންވުން ފާހަގަކޮށްލެވެއެވެ.
އިންސާނާ ކުޑަކުއްޖެއްގެ ގޮތުގައި ދުނިޔެއަށް އުފަންވެ ހެދިބޮޑުވުމުގައި މައިންބަފައިންގެ ލޯބި ބީހިލުން، ބައްދާލުން، ގަޔާއި ކައިރިކޮށް ދޮން ދިނުން ފަދަ ތަފާތު އޯގާތެރި ބީހުން، ކުޑަދަރިފުޅުގެ ހެދި ބޮޑުވުމަށް މުހިންމު ރޯލެއް އަދާކުރެއެވެ. އަދި އިންސާނުންގެ ބީހުމުން އެއްކިބާވެ، އޯގާތެރި ބީހުމުގެ އިހްސާސެއް ނެތި ބޮޑުވާ ކުއްޖެއްގެ ހެދި ބޮޑުވުމަށް ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވެ، ނަފްސާނީގޮތުން ތަފާތު މައްސަލަ ކުރިމަތިވާނެކަން ދިރާސާތަކުން ދައްކައެވެ. ދިގުމުއްދަތަކަށް އެހެން އިންސާނެއްގެ ބީހުން އިޙްސާސް ނުކުރެވުމަކީ އިންސާނާގެ ދުޅަހެޔޮކަމަށް ތަފާތު މައްސަލަތަކެއް ކުރިމާތިވާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އިންސާނާއަށް އޯގާތެރި ބީހުމުގެ އިޙްސާސް ތާއަބަދުމެ ބޭނުންވާކަން ސައިންސްގެ އަލީގައި ސާބިތުވާ ބައެއް ސަބަބުތައް މިލިޔުމުގައި ހިމަނާލަމެވެ.
ބީހުމުގެ ސަބަބުން އެކަކު އަނެކަށް އިތުބާރު އުފެދިގެންދޭ.
ކެލިފޯނިއާ ޔުނިވާސިޓީގެ ސައިކޮލޮޖީ ޕްރޮފެސަރެއް ކަމުގައިވާ ޑޭނިއަލް ކެލްޓްނަރ ހާމަކުރާ ގޮތުގައި، ބީހުމުގެ ސަބަބުން އަހަރަމެންގެ ސިކުނޑީގެ ބައެއް ކަމުގައިވާ “އޯބިޓޯފްރޮންޓަލް ކޯޓެކްސް” ގެ މަސައްކަތް ކުރުވައެވެ. ސިކުނޑީގެ މިބައި މަސައްކަތް ކުރުމުގެ ސަބަބުން، އަހަރަމެންނަށް، އިތުބާރު އުފެދި، އަޅާލުމުގެ އިޙްސާސް އަދި، ހިތްހަމަޖެހުމުގެ އިޙްސާސް ގެނުވައެވެ. ދިރާސާތަކުން ދައްކާގޮތުން އެންމެ ބީހިލުމަކުންވެސް، “އޮކްސީ ޓޮސިން” ނުވަތަ “ލަވް ހޯމޯން” ނުވަތަ ލޯބީގެ އިޙްސާސް ގެނުވާ ހޯމޯން ހަށިގަނޑުގައި އުފައްދައެވެ.
އޯގާތެރި ބީހުމުން، ދިފާއީ ބާރު އިތުރުކޮށް ބަލިވުމުގެ ފުރުޞަތު ދަށްކުރުވާ
ފިޒިކަލް ޓަޗް ނުވަތަ ބީހުމުގެ ސަބަބުން އިންސާނުންގެ ދިފާއީ ބާރު އިތުރަށް ވަރުގަދަވެ، ތަފާތު ބަލިތަށް ޖެހުމުގެ ފުރުޞަތު ދަށް ކުރުވައެވެ. ނޯތް ކެރޮލީނާ ޔުނިވާސިޓީގައި ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި، ލޯބިވާ ގާތް ފަރާތެއްގެ ކިބައިން ލިބިގެންދާ “ހަގް” ނުވަތަ ބައްދާލުމުން ދިފާއީ ނިޒާމް އިތުރަށް ވަރުގަދަވެއެވެ. ބައްދާލުމުން މޭމަތީގެ މަސްތައް ކޮންމެވެސްވަރަކަށް ފިތިގެން ދިޔުމުން، “ތައިމަސް ގްލޭން” ސްޓިމިއުލޭޓް ނުވަތަ މަސައްކަތް ކުރުވައެވެ. “ތައިމަސް ގްލޭންޑަކީ، ހަށިގަނޑުގެ ވައިޓް ބްލަޑްސެލްސް އުފެއްދުމުގެ މަސައްކަތް ހަށިގަނޑުން ކޮންޓްރޯލް ކުރުވާ ގްލޭންޑެވެ. ހަށިގަނޑުގައި ވައިޓް ބްލަޑްސެލްސް އިތުރުވުމުން ހަށިގަނޑުގައި ދިފާއީ ނިޒާމް ވަރުގަދަވެއެވެ.
ބީހުމުގެ ސަބަބުން އެކަކު އަނެކަކަށް ގެއްލުންދިނުން މަދުކޮށް، ޖިސްމާނީ އަނިޔާ ހުއްޓުވާ
ޅައުމުރުގައި މައިންބަފައިންގެ އޯގާތެރި ބީހުމާއި އަޅާލުން ނުލިބި ބޮޑެތިވާ ކުދިން، ބޮޑެތިމީހުންނަށް ވުމުން، ރުޅި ކޮންޓްރޯލް ނުވެ، އަމިއްލަ ނަފުސު އަދި އެހެން މީހުންނަށް ގެއްލުންދީ، މީހުންނަށް ތަފާތު ޖިސްމާނީ އަނިޔާ ދެއެވެ. ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރެވިފައިވާ ދިރާސާތަކުން، މައިންބަފައިން އޯގާތެރި ބީހުމުގެ އިޙްސާސް ރަނގަޅަށް ނުލިބި ބޮޑެތިވާ ކުދިންގެ ކިބައިން މިފަދަ ކަންތައް ފާހަގަކުރެވެއެވެ.
ބީހުމުގެ ސަބަބުން ސްޓްރެސް، ޑިޕްރެޝަން އަދި އެންޒައިޓީ ދަށްކުރުވާ
ބީހުމުގެ ސަބަބުން، ނާރުތަކުގެ ލޭދައުރުވުން ލަސްކޮށް، ހިތުގެ ވިންދު ދަށްކުރުވައެވެ. ބީހުމުގެ ސަބަބުން ހަށިގަނޑުން އުފައްދާ “ކޯޓިސޯލް” ސްޓްރެސް ހޯމޯން އުފެއްދުން ދަށްކުރުވައެވެ. ގިނަ ގިނައިން ބީހުމުގެ އިޙްސާސް ލިބިގެން ދިޔުމަކީ، ސްޓްރެސް، ޑިޕްރެޝަން އަދި އެންޒައިޓީ ވަރަށް ބޮޑަށް ދަށްވެގެންދާ ކަމެކެވެ.
ބީހުމުގެ ސަބަބުން އަހަރަމެންގެ ލޭގެ ޕްރެޝަރު ދަށްކުރުވާ
ބީހުމުގެ ސަބަބުން، ހިތިގެ ވިންދު ދަށްކުރުވުމާއެކު، ލޭގެ ޕްރެޝަރު ދަށްކުރުވައެވެ. ލޭގެ ޕްރެޝަރު މަތިވުމަކީ، ހިތުގެ ތަފާތު މައްސަލަތައް ކަމުގައިވާ، ހާޓް އެޓޭކް، ސްޓްރޯކް ޖެހުމަށް މަގުފަހިވާ ކަމެކެވެ. އޯގާތެރި ބީހުން ގިނަގިނައިން އިހްސާސްވުމުގެ ފުރުސަތު ލިބުމަކީ، ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިވާ ކަމެކެވެ.
ބީހުމުގެ އިޙްސާސް ގިނަގިނައިން ވުމަކީ، އެފަރާތަކާއި އެކު އުޅެން މަގުފަހިވެ ގުޅުން ރަނގަޅުވާ ކަމެއް
ފިޒިކަލް ޓްޗް ނުވަތަ ހަށިގަނޑުގެ ބީހުމުގެ ސަބަބުން އޯގާތެރިކަމަޢި އިތުބާރު ސިކުނޑީގައި އުފައްދައި އެކަކު އަނެކަކާއި ގުޅިގެން އުޅުމުގެ ވިސްނުން ގެނުވައެވެ. އެކަކު އަނެކަކާއި ގުޅުން ރަނގަޅުވެ، ގުޅިގެން އުޅުމުގެ ސިފައިގެ ސަބަބުން އެއްކޮށް އުޅުމުގެ ހުނަރު އިތުރު ކުރުވައެވެ.
ބީހުމުގެ ސަބަބުން ރަނގަޅަށް ނިދުމުގެ ފުރުސަތު ލިބިގެންދެއެވެ.
ލޭގެ ޕްރެޝަރު ދަސްކުރުވައި، ސްޓްރެސް ހޯމޯން ހަށިގަނޑުން ދަށްކުރުވައި، ހިތުގެ ވިންދު ލަސްކުރުވުމުން، ފަސޭހައިން އަހަރަމެންނަށް ނިދެއެވެ. މިއީ އަހަރަމެންނަށް އަރާމު ނިދި ލިބުމަށް އެލޭ ބާރެއްވެސް މެއެވެ. ރަނގަޅަށް ނިދި ނުލިބުމަކީ، އަހަރަމެންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކުރުވައި، ދިރިއުޅުމަށް ތަފާތު ބަދަލުތަކެއް ގެނުވާކަމެކެވެ.

