ގދ. ތިނަދޫ ޖެޓީ އިރުމަތީ ސަރަޙައްދުގައި ތަރައްޤީކުރުމަށް ނިންމާފައިވާ އިންޑަސްޓްރިއަލް ޒޯނުގެ ބިން ހިއްކުމާއި، ޝޯ ޕްރޮޓެކްޝަންގެ މަޝްރޫއުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން މި ކޮންޓްރެކްޓުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ތޮލްހަތުއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނިގެ ސީއީއޯ އާދަމް އާޒިމްއެވެ. މިރަސްމިއްޔާތުގައި ތިނަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރ އަބްދުލް މުޣުނީވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
މިމަސައްކަތުގެ ތެރޭގައި ތިނަދޫ ޖެޓީގެ އިރުމަތީފަރާތުގައި ތަރައްޤީ ކުރެވޭ މި އިންޑަސްޓްރިއަލް ޒޯން ބިންހިއްކައި، ބްރިޖަކުން އެއްގަމު ތޮއްޓާއި ގުޅާލުންވެސް ހިމެނިފައިވެއެވެ.
މިމަސައްކަތަކީ ޖުމުލަ 125،222،284.38 ރުފިޔާއަށް 660 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރެވި ފައިވާ މަސައްކަތެކެވެ.
މި މަސައްކަތުގެ ދަށުން 219،595 އަކަމީޓަރުގެ ބިން ހިއްކުމާއި، 1336 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 468 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 284 މީޓަރ އެއްގަމު ތޮށި ޖެހުމާއި ކޮންކްރީޓް ބްރިޖެއް އެޅުން ހިމެނެއެވެ.

