ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނާތީ ގއ.ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.
ކޫއްޑޫގެ ފިޝަރީޒް ކޮމްޕްލެކްސް އިން މަސްވެރިންނަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ މިދުވަސްވަރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވެފައިވާތީ، ރައްކާތެރި ފިޔަވަޅުތައް ވަރުގަދަކުރުމަށް އެ ކޮމްޕްލެކްސް އިން ނިންމާފައިވާ ކަމަށެވެ.
މަސް ކިރުމަށް އެރަށަށް ދާއިރު، އެކަން ކުރުމުގައި ބައެއް ކަންތައްތަކަށް ސަމާލުވުމަށް އެ ކޮމްޕްލެކްސް އިން ވަނީ އެދިފަ އެވެ.
އެގޮތުން މަސް ކިރަން ބޯޓަށް ނުވަތަ އެރަށަށް އަރާ މަސްވެރިން މާސްކު އަޅައިގެން ތިބުމަށް އެކޮމްޕްލެކްސް އިން ވަނީ ބުނެފަ އެވެ. އަދި މަސް ކިރަން ކޮންމެ ބޯޓަކަށް ވެސް އެރޭނީ ދެ މަސްވެރިންނަށް ކަމަށެވެ. އަދި ވިޔަފާރި ކުރުމަށް ފިހާރައަށް ވަދެވޭނީ ކޮންމެ ދޯންޏަކުން އެންމެ މަސްވެރިއަކަށް ކަމަށާއި އަދި ވޯކްޝޮޕްގެ ޙިދުމަތް ހޯދުމަށްވެސް ދެވޭނީ ދޯންޏަކުން އެންމެ މަސްވެރިއެއް ކަމަށްވަނީ ކަނޑައަޅާފައެވެ. ކޫއްޑޫ ފިހާރައިން އެއްފަހަރާ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ފަސް މީހުންނަށެވެ.
ކޮވިޑު ފެތުރުނަ ނުދީ ހިފެހެއްޓުމަށްޓަކައި މި ފިޔަވަޅުތަކަށް ރައްކާތެރިވުމަށް އެ ކޮމްޕްލެކްސްއިން ވަނީ އާންމުންނާއި، މަސްވެރިންގެ އެއްބާރުލުމަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމުގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކޮމްޕްލެކްސް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

