މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޙްލޫފް މިއަދު ތިނަދޫ އަށް ވަޑައިގެންފިއެވެ.
މިނިސްޓަރ މަހުލޫފް ތިނަދޫ އަށް ވަޑައިގަތީ، މިއަދު ހަވީރު ތިނަދޫގައި އޮންނަ އެމްޓީސީސީ ހަވަރު ޔޫތު ކަޕްގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވުމަށެވެ. ތިނަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރ އަބްދުލް މުޣުނީ އާއި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އާއި ކައުންސިލް މެމްބަރުން ވަނީ މަހުލޫފަށް މަރުހަބާ ދަންނަވާފައެވެ.
މިނިސްޓަރ މަހްލޫފު އަށް ތިނަދޫ އިން މަރުހަބާ ދަންނަވަނީ – ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
ޒުވާނުންގެ ވަޒީރު އަހުމަދު މަހުލޫފް ގދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ގދ.ފިޔޯރީއަށެވެ. އެގޮތުން ރޭ ފިޔޯރީގައި ބޭއްވި "އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021" ގެ ފައިނަލް މެޗު މަހުލޫފް ވަނީ ޝަރަފްވެރިކޮށްދެއްވާފައެވެ.
އަދި މިއަދު ހެނދުނު މިނިސްޓަރ ވަނީ ގދ.ފަރެސްމާތޮޑާ އަށް ވަޑައިގެން އެރަށުގެ ޒުވާނުންނާ ބައްދަލުކުރައްވައި ކުޅިވަރު ކުޅުމަށް ހުރި ދަތިތަކާބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި މިނިސްޓަރު ވަނީ އެރަށުގައި ވޮލީީބޯޅަ ކުރިއެރުވުމަށްޓަކައި ކޯޗިންގ ކޭމްޕެއް ބޭއްވުމަށް ވައުދުވެވަޑައިގެންފައެވެ.
މިނިސްޓަރ މަހްލޫފު ފަރެސްމާތޮޑާގައި – ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
ފަރެސްމާތޮއަށް ކުރެއްވި ދަތުރުފުޅަށް ފަހުން މިނިސްޓަރ ދެން ވަޑައިގަތީ ގދ.މަޑަވެއްޔަށެވެ. އަދި މަޑަވެއްޔަށް ވަޑައިގެން މަޑަވެލީގެ ޒުވާނުންގެ ކުޅިވަރު ކުޅުމުގެ ހުރި ދަތިތަކާއި މަޑަވެލި ބޯޅަ ދަނޑު އަދި ފުޓްސަލް ދަނޑު ހެދުމާއި މަރާމާތްކުރުމަށް ބަޖެޓުގައި ހިމަނައިގެން ވިޔަސް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިނިސްޓަރ ވަނީ މަޑަވެލި ފުޓްސަލް ދަނޑަށާއި، ޒުވާނުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވައިފައެވެ.


މިނިސްޓަރ މަހްލޫފު ގދ.މަޑަވެލީގައި – ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު