ބޭންކް އޮފް މޯލްޑިވްސް އިން ގދ.ހޯނޑެއްދޫގައި ކޭޝް އޭޖެންޓް ބޭންކިންގ ޚިދުމަތް ތަޢާރަފް ކޮށްފިއެވެ. މިއާއި އެކު ހޯނޑެއްދޫގެ އޭޖެންޓް ވެގެން ގޮސްފައިވަނީ ބީއެމްއެލްގެ 100 ވަނަ ކޭޝް އޭޖެންޓަށެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރްދީން ވިދާޅުވީ ކޭޝް އޭޖެންޓުންގެ ޚިދުމަތަކީ މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް އެބޭންކުން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ބްރާންޗެއް ނުވަތަ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިންގ ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެ ނިޒާމެއްކަމަށެވެ.
މީގެ އިތުރުން އައިޝަތު ނޫރްދީން ވިދާޅުވީ އެބޭންކުން މަސައްކަތްކުރަނީ މިއަހަރު ތެރޭގައި ކޭޝް އޭޖެންޓުންގެ ހިދުމަތް މީހުން ދިރިއުޅޭ އިތުރު ރަށްތަކަށް ފޯރުކޮށްދިނުމަށްކަމަށެވެ.
އޭޖަންޓް ބޭންކިންގގެ ހިދުމަތަކީ ބްރާންޗެއް އަދި އޭޓީއެމް އެއް ނެތް ރަށްރަށުގައި އޭޖެންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ތައާރަފްކުރެވުނު ހިދުމަތެކެވެ. 2015 ވަނަ އަހަރު މި ހިދުމަތް ފެށިފައިވަނީ ހަމައެކަނި ފައިސާ ނެގުމުގެ ހިދުމަތާއެކުވެ. ނަމަވެސް މިހާރު، އޭޖަންޓުން މެދުވެކޮށް އަތޮޅުތެރޭގައި އެއްވެސް ފީ އަކާނުލާ މިހާރު ފައިސާ ނެގުމާއި، ޖާމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލުން ބުނެއެވެ.
ކަސްޓަމަރުންނަށް ކޭޝް އޭޖަންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާއާ ހަމަޔަށް ފައިސާ ނެގޭނެއެވެ. އަދި ދުވާލަކު 10،000 ރުފިޔާއާ ހަމަޔަށް ފައިސާ ޖަމާކުރެވޭނެއެވެ.

