ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ “ގެމަނަފުށީ ކައުންސިލް ފުޓްސަލް ޓޯނަމެންޓް 2022” ޖުލައި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
ގއ.ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ސޮއެ ކުރައްވާ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމް ތަކުން 11 މާރޗް 2022 ގެ މެންދުރު 2 ގެ ކުރިން އެ ކައުންސިލުން ދޫކުރާ މުބާރާތުގެ ފޯމު ހުށަހެޅުއްވަން އެދޭ ކަމަށެވެ.
އަދި މި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 1500 (ފަނަރަ ސަތޭކަ) ދިވެހި ރުފިޔާ ކައުންސިލަށް ދެއްކެވުމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ގެމަނަފުށީގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަށް އާލާ ކުރުމުގެ އިތުރުން، ކުޅިވަރުގެ ރޫހު ދިރުވައި މޮޅު ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ގެމަނަފުށީ ކައުންސިލުން އިންތިޒާމް ކުރާ “ގެމަނަފުށި ކައުންސިލް ފުޓްސަލް ޓޯނަމެންޓް 2022” ގެ ޗެމްޕިއަން ޓީމަކަށް 35000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ވަނީ 15000 ރުފިޔާ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.
އޭޕްރިލް މަހުގެ 8 ވަނަ ދުވަހު ބައިވެރިވެފައިވާ ޓީމްތަކުގެ މެދުގައި ގުރުވަތުލުން ނެގޭ މި މުބާރާތުގެ ޓީމް ލިސްޓް އާންމު ކުރާނެ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހެވެ. އަދި 11 ޖުލައިގައި ފަށާ މި މުބާރާތުގެ ފައިނަލް މެޗު ތާވަލު ކޮށްފައިވަނީ ޖުލައި މަހުގެ 16 ގައެވެ.

