އުމުރުން ދުވަސްވީ މީހަކަށް ހިތެއް ނުލިބިގެން އޫރެއްގެ ހިތް ބޭނުންކޮށްގެން ހިތުގެ ޓްރާންސްޕްލާންޓް ހަދައިފިއެވެ.
އެމެރިކާގެ އުމުރުން 57 އަހަރުގެ ޑޭވިޑް ބެނެޓްގެ ހިތް ބަދަލުކޮށްފައިވަނީ ޔުނިވާސިޓީ އޮފް މޭރީލޭންޑް މެޑިކަލް ސެންޓަރުންނެވެ. މިއޮޕަރޭޝަން ކުރުމުގެ ކުރިން ބެނެޓް ބުނެފައިވަނީ އޭނަގެ ހިތް ބަދަލުކުރަން ޖެހިގެން އިންސާނެއްގެ ހިތް ލިބޭނެ އެއްވެސް ގޮތެއް ނެތިގެން ޖަނަވާރެއްގެ ހިތް ލައްވަން ނިންމީ ކަމަށެވެ.
އެސެންޓަރުން ބުނެފައިވަނީ މި އޮޕަރޭޝަނަށް ފަހު ބެނެޓް އަމިއްލައަށް ނޭވާލާން ފެށާފައިވާ ކަމަށާއި އެހެންނަމަވެސް އަދި އޮޕަރޭޝަން ކާމިޔާބު ކަމަށް ނިންމަން އަވަސް ކަމަށެވެ.
މީގެކުރިންވެސް ޖަނަވާރެއްގެ ގުނަވަނެއް އިންސާނެއްގެ ހަށިގަނޑަށް ލައްވާފައިވެއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޫރެއްގެ ކިޑްނީ އެމެރިކާގައި މީހެއްގެ ގަޔަށް ލެއްވި ނަމަވެސް އެމީހާގެ ސިކުނޑި މަރުވެފައިވާތީ އޮޕަރޭޝަން ކާމިޔާބު ކަމެއް ނުވަތަ އޫރެއްގެ ކިޑްނީ އާއި އެކު އިންސާނަކަށް އުޅެވޭނެ ކަމުގެ ޔަގީންކަން އޮތީ ނޭނގިފައެވެ. މިއީ ދުނިޔޭގެ ތާރީހުގައި ޖަނަވާރެއްގެ ހިތް އިންސާނެއްގެ ގަޔަށް ލެއްވި ފުރަތަމަ ފަހަރެވެ.
އޮޕަރޭޝަންކުރި ޓީމާ ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވަނީ އޫރުގެ ހިތް ބެނެޓް ގަޔަށް ލައްވާފައިވަނީ އޭގައި ހުރި ބެނެޓް އާއި ނުގުޅޭ ގިނަ ޖެނެޓިކްސްތަކެއް ވަކި ކުރުމަށް ފަހު ކަމަށެވެ.
މި އޮޕަރޭޝަން ކާމިޔާބު ވެއްޖެ ނަމަ އިންސާނުންގެ ގުނަވަންތަން ފެއިލްވެގެން އެހެން މީހުންގެ ގުނަވަންތައް ހޯދުމަށް ކުރަންޖެހޭ އިންތިޒާރާއި ނުލިބިގެން އުޅެންޖެހޭ އުޅުމަށް ކޮންމެސް ވަރެއްގެ ހައްލެއް ގެނެވޭނެއެވެ.
ރިޕޯޓްތައް ބުނާގިތުން އެމެރިކާގައި އޮޕަރޭޝަންކޮށް ގުނަވަން ބަދަލު ކުރެވޭނެ ގޮތެއް ނެތިގެން ކޮންމެ ދުވަހަކު މަދުވެގެން 17 މީހުން މަރުވާ ކަމަށެވެ. މިހާރުވެސް އެއް ލައްކައަށްވުރެ ގިނަ މީހުން އެކި ގުނަވަންތައް ނުލިބިގެން ކިޔުގައި ޖައްސާފަ އެބަ ތިބި ކަމަށް ޔުނިވާސިޓީ އޮފް މޭރީލޭންޑް މެޑިކަލް ސެންޓަރުން ބުނެއެވެ.

