ރާއްޖޭގައި ހަދާ ޕީސީއާރު ޓެސްޓުގެ އަގު ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ފިރުޝާން ގޮވާލައިފިއެވެ.
ކޮވިޑް ޓެސްޓު ނަހަދާ މާލެއިން ނުފުރޭ ގޮތަށް އެޗްޕީއޭއިން ނިންމާފައިވާއިރު ބޮޑުއަގު ދީގެން ޕީސީއާރު ޓެސްޓު ހަދަން ޖެހޭތީ ފިރުޝާން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
ފިރުޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވަނީ ކޮވިޑް-19 ގެ ފިޔަވަޅުތައް ކަނޑައަޅަން ސަރުކާރުން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ބައިވެރިން ނުރުހުނަސް ޕީސީއާރުގެ އަގު ކޮންޓްރޯލް ކުރަން ޖެހޭ ކަމަށެވެ. އަދި މިގޮތަށް އަމަލުނުކުރާ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ފިރުޝާންވަނީ ވިދާޅުވެފައެވެ.
މިހާރު ޤަވައިދުގައި އޮންނަ ގޮތުން ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނައްސި ނަތީޖާއަކާ އެކު ނޫނީ ދަތުރު ނުކުރެވޭނެއެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ފަރާތެއް ކަމުގައި ވާނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭގެ ގަވާއިދަށް ގެނައި ބަދަލުގައި ބަޔާންކޮށްފައިވެއެވެ.
މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން ވިދާޅުވެފައިވަނީ ވެކްސިން ފުރިހަމަކޮށްފައިވާނަމަ ކަރަންޓީނު މުއްދަތު 10 ދުވަހަށް ކުރުކޮށްފި ކަމަށެވެ.
މި ދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ކޮވިޑްގެ ނުރައްކާތެރި ވޭރިއަންޓްއެއް ކަމުގައިވާ އޮމިކްރޮން ދަނީ ބާރަށް ފެތުރެމުންނެވެ. މި ވޭރިއަންޓް ރާއްޖެއިން ވެސް ފެނިފައިވާއިރު، މާލެ އާއި މާފުށިން އަދި ކުޑަހުވަދޫ ހިމެނޭހެން އޮމިކްރޯންގެ 8 ކޭސް ވަނީ ފެންމަތިވެފައެވެ.

