2022 ވަނަ އަހަރަށް ގދ.ތިނަދޫ ކައުންސިލުން ލަފާކުރާ ބަޖެޓްގެ ގޮތުގައި 40 މިލިޔަންގެ ބަޖެޓެއް މިއަދު ފާސްކޮށްފިއެވެ.
ތިނަދޫ ކައުންސިލުން މިއަދު ފާސްކުރި ބަޖެޓުގައި ބުނާގޮތުން ކައުންސިލްގެ އިދާރީ ހިންގުމުގެ ޚަރަދަށް އެކަނި 26،649.198.10 ރުފިޔާ ޚަރަދު ކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން ބަލާއިރު:
- މުވައްޒަފުންނަށް ހިނގާ ޚަރަދު 14،918،841.40 ރުފިޔާ
- ޕެންޝަނާއި މުސްކުޅި ކުރައްވާ މުވައްޒަފުންނަށް އަދި ވަކި ޚިދުމަތްތަކަކަށް ނޫން ގޮތުން ދޭ ފައިސާ 473،241.72 ރުފިޔާ
- ދަތުރުފަތުރު ކުރުމުގެ ޚަރަދަށް 717،100.00 ރުފިޔާ
- އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ އަގު 2،529،000.00 ރުފިޔާ
- އޮފީސް ހިންގުމަށް ބޭނުންވާ ޚިދުމަތުގެ ޚަރަދު 7،770،976.57 ރުފިޔާ
- ތަމްރީނު ކުރުމަށް ކުރެވޭ ޚަރަދު 240،038.41 ރުފިޔާ ހިމެނެއެވެ.
މީގެއިތުރުން މިހިނގާ އަހަރު ތިނަދޫގެ ތަރައްޤީއަށް ގިނަ ޕްރޮގްރާމްތައް ހިންގަން ބަޖެޓުގައި ވަނީ ހިމަނާފައެވެ. ތިނަދޫ ކައުންސިލުން ބަޖެޓްކޮށް ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ލެޑަރޓްރަކް، ޕާކިންގޒޯން ޤާއިމުކުރުން، ގްރީން އޭރިޔާ ބައުންޑަރީސް، ފެރީޓާމިނަލް އަޕްގްރޭޑްކުރުން، ބަދަރުގައި ފައްތިޔާ އެޅުން ހިމެނެއެވެ. އަދި ތިނަދޫގައި ނޭޗާ ޕާކެއް ޤާއިމުކުރުމާއި މިއުޒިޔަމްޕާކް މަރާމާތްކުރުން، ކުސީޕާކު މަރާމާތްކުރުމުގެ އިތުރުން މާވަށް ދިހަރޭ މައިޒާން ހެދުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
އަދި މިނޫނަސް ތިނަދޫގައި އަޅާފައިވާ ފްލެޓްތަކުގެ މެއިންޓަނެންސާއި ކުނި މެނޭޖްކުރުމަށް އަދި ޔޫތު ސެންޓަރު ބެލެހެއްޓުމުގެ މަސައްކަތަށް ކައުންސިލުން ވަނީ ބަޖެޓް ކަނޑައަޅާފައެވެ. މިހުރިހާ މަސައްކަތަކަށް ޚަރަދުވާނެކަމަށް ތިނަދޫ ކައުންސިލް ލަފާ ކުރާ ބަޖެޓަކީ 40،717،203.32 ރުފިޔާއެވެ. އެހެންކަމުން ސަރުކާރުންދޭ ބަޖެޓާއި ކައުންސިލަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ހިމަނައިގެން މިއަހަރުގެ ކައުންސިލް ބަޖެޓް 40 މިލިޔަނަށް މިވަނީ ފާސްކޮށްފައެވެ.
ކައުންސިލުން ވިދާޅުވާގޮތުގައި މިބަޖެޓްގައި ނުހިމެނޭ އެއްވެސް ޕްރޮޖެކްޓެއް އަދި ޕްރޮގްރާމެއް ބަޖެޓްގެ ތެރެއިން ނުހިންގާނެއެވެ. މިއީ މިހާތަނަށް ކައުންސިލުން ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ. 2021 ވަނަ އަހަރު ތިނަދޫ ކައުންސިލުން ފާސްކޮށްފައިވަނީ 36 މިލިޔަންގެ ބަޖެޓެކެވެ.
2021 ވަނަ އަހަރު ކައުންސިލަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ކޮވިޑް-19 އާއި ގުޅިގެން ލިބިފައިވަނީ ލަފާކުރި އާމްދަނީގެ 95 އިންސައްތައެވެ.

