ރާއްޖޭގެ ބިންތައް އިންޑީޔާގެ ޓާޓާ ކުންފުންޏަށް ދިނުމުން އެގިގެންދަނީ އިންޑިއާގެ ބާރު ދިވެހިރާއްޖޭގައި އިންތިހާއަށް ގަދަވެފަ އޮތީމައި ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
“ޖަޒީރާ” ނިއުސްއަށް ދިން އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ރާއްޖެއިން އެގޮތަށް ކަންތައްކުރުމުން އޭގެން އެގިގެންދަނީ ރާއްޖެގެ މައްޗަށް އިންޑިޔާއިން ބާރުފޯރުވާ ކަމަށާއި އެމައްސަލައިގައި އިންޑީޔާ ކޯޓަށް ދިޔަޔަސް ރާއްޖެއަށް އެމައްސަލަ ކާމިޔާބުވާނެ ކަމުގެ އުއްމީދެއް ނެތްކަމަށެވެ. އަދި އިންޑިޔާއިން ދެން ހުށަހެޅީ މާލެތެރެ ތޮއް ނުޖެހޭނެ ގޮތަކަށް މާލޭގެ ދެކުނު ފަރާތަށް އެ ދެ ބިން ބަދަލުކުރަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ޓާޓާއަށް އެ ދެ ބިން ސަރުކާރުން ދިނީ އިންޑިއާގެ ބާރު ރާއްޖޭގައި އިންތިހާއަށް ގަދަވެފަ އޮތީމަ އިންޑިއާ ކުންފުންޏަކަށް ދިނުމުގެ މަޤްޞަދުގައި ކަމަށެވެ.
ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން ސަރުކާރުން އިންޑިއާގެ ޓާޓާ ކުންފުންޏަށް ހަވާލުކުރީ 2010ވަނަ އަހަރުގައެވެ. ޓާޓާއާއެކު ހަދައިފައިވާ އެ އެއްބަސްވުމުން ދައުލަތަށް ނުވަ މިލިއަން ޑޮލަރުގެ ފައިދާއެއް ވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ.
އެހެންނަމަވެސް ޓާޓާ ކުންފުންޏަށް މާލޭގައި ފްލެޓު އަޅަން ހަވާލުކުރި އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ނުނިމުނެވެ. އެއާއެކި އެ ފްލެޓްތަކުގެ މައްސަލައިގައި އާބިޓްރޭޝަން އަށް ގޮސް ބަދަލު ދިނުމުން ސަލާމަތްވުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.

