އައްޑޫ ސިޓީގައި ކޮވިޑްގެ ކޭސްތައް ދުވަހެއް ދުވަހެއް އިތުރުވެ ރަށުގެ ހާލަތު އިތުރަށް ގޯސްވާން ފަށައިފިއެވެ.
ފާއިތުވީ ހަތަރު ވަރަކަށް ދުވަހު އައްޑޫ ސިޓީގައި ގިނަ ކޭސްތަކެއް މިވަނީ އަނެއްކާވެސް ފެންމަތިވެފައެވެ. މީގެ ކުރިންވެސް އައޑޫ ސިޓީގައި ކޮންޓްރޯލެއްނެތި ކޮވިޑް ފެތުރެން ފެށުމުން ރަށް ވަނީ މޮނީޓަރިންގއަށް ލާފައެވެ. އެހެންނަމަވެސް މަޑުމަޑުން ކޭސްތައް މަދުވެ ރަށުގެ ހާލަތު ރަނގަޅުވާން ފެށުމުން އައްޑޫ ސިޓީގެ ހުރިހާ ރަށެއް މިހާރު އޮތީ ހުޅުވާފައެވެ.
އައްޑޫ ސިޓީގައި އެކްޓިވް ކޭސްގެ އަދަދު މިހާރު އުޅެނީ 159ގައެވެ. މީގެތެރޭގައި އެންމެ ގިނައީ އައްޑޫ ހިތަދޫގެ މީހުންނެވެ. އިއްޔެ ވެސް އައްޑޫ ސިޓީ އިން 29 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. ހިތަދޫއިން 17 މީހުން، މަރަދޫ ފޭދޫ އިން ހަތަރު މީހުން އަދި ފޭދޫ އިން އެކަކު ކޮވިޑަށް އިއްޔެ އައްޑޫ އިން ޕޮޒިޓިވްވިއެވެ.
އެގޮތުން ފާއިތުވި ހަތަރު ވަރަކަށް ދުވަހު އައްޑޫގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 20 އިން މަތީގައިކަން ފާހަގަކުރެވެއެވެ.
އެންމެ ގިނައިން ބަލިން ފަސޭހަ ނުވާ މީހުން ތިބީވެސް ހިތަދޫގައެވެ. އެރަށުގައި 94 މީހުން ކޮވިޑް ބަލިން ފަސޭހަ ނުވެ އެބަތިއްބެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ތިބީ މީދޫގައެވެ. އެރަށުގައި ބަލިން ފަސޭހަ ނުވާ 23 މީހަކު އެބަ ތިއްބެވެ.
މިހާރު އައްޑޫގެ ހާލަތާ މެދު އައްޑޫ ސިޓީގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ވެސް ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ.

