ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ހެއްދުމުގައި އެއްވެސް ބާވަތެއްގެ ކެމިކަލެއް ބޭނުން ނުކުރާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން މިރޭ ވިދާޅުވީ ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ހެއްދުމަށް ފެން ފިޔަވާ އިތުރު ކެމިކަލެއް ބޭނުން ނުުކުރާ ކަމަށެވެ.
ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ގޮތްނޭގޭ ބައްޔެއް ޖެހި ކޮތަރުތަކުގެ ލޮލާއި ތުންގަނޑު ކައިރީގައި އުންތަކެއް ނަގައި ބަލިވާން ފަށައިފައިވާތީ އެމައްސަލަ އީޕީއޭއިން ބަލަން ފަށައިފިއެވެ. ބެލެވޭގޮތުގައި އެކޮތަރުތަކަށް ޖެހުނީ ޕިޖަން ޕޮކްސްއެވެ. މިއީ ދޫނިތަކުގެ މެދުގައި ގައިން ގަޔަށް އަރާ ބައްޔެއް ނަމަވެސް އިންސާނުންނަކަށް އެއްވެސް ނުރައްކަލެއް ނެތެވެ.
މިމައްސަލައާއި ގުޅިގެން ގިނަބަޔަކު ވަނީ މީސްމީޑިޔާގައި ހިޔާލު ފާޅުކޮށްފައެވެ. ބައެއް މީހުން ބުނާގޮތުގައި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ ހޯމް މިނިސްޓްރީން އެތަނުގައި ބޭއްވުމުން ވިނަގަނޑަށް ގެއްލުންވާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކަމާ ހިތްހަމަނުޖެހުނު ކަމަށާއި ސިޓީ ކައުންސިލުން ވިނަގަނޑު ރަނގަޅު ކުރަން ޖަހާ ކެމިކަލެއްގެ ސަބަބުން ކޮތަރުތައް ބަލިވަނީއެވެ.
މިތުހުމަތްތައް ސިޓީ ކައުންސިލުން ދޮގުކޮށްފައިވާއިރު، މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ސަން މީޑީޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ވިނަތަކަށް ކެމިކަލް ބޭނުންކޮށްގެން ޓްރީޓްމެންޓު ދެމުންދާ ކަމަށާއި ކޮތަރުތައް އެ ތަނަށް ގާތްވުން ސިޓީ ކައުންސިލަށް ނުހުއްޓުވޭނެ ކަމަށެވެ. އަދި އެވިނަގަނޑަށް ޓްރީޓްމެންޓް ދިނުމަށް ބޮޑުހޭދައެއް ކުރަން ޖެހިފައިވާ ކަމަށް ނަރީޝްވަނީ މީޑީޔާއަށް މައުލޫމާތުދީފައެވެ.
މިގޮތަށް ކަންތައް ދިމާވެ ކޮތަރުތައް މަރުވުމަކީ އެތަނުގެ ދިރުން ނެތިގެން ގޮސްފާނެކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

