އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ތާއީދު ވެރިކަން ކުރާ މައި ޕާޓީން ނެރެފައިވާ ކެނޑިޑޭޓް މުހައްމަދު ރަޝިދަށް ކުރުމަށް ނިންމައިފިއެވެ.
ޖުމްހޫރީ ޕާޓީން ރާޝިދަށް ތާއީދު ކުރަން ނިންމީ އެދާއިރާގެ ގޮނޑިއަކީ މިހާތަނަށްވެސް އެމްޑީޕީން ފުރަމުން އައި ގޮޑިއަކަށް ވެފައި، އަދި މަރުހޫމް ހުސެއިން ވަހީދަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެވެސް ވަރަށް އަރިސް ބޭފުޅަކަށް ވުމުން އެމަނިކުފާނަށް އިޚްތިރާމް ކުރެއްވުމުގެ ގޮތުންނެވެ.
ޖުމްހޫރީ ޕާޓީގެ ތާއީދު ރާޝިދަށް އޮތްއިރު، އެޕާޓީން ރަސްމީކޮށް ކެމްޕެއިންގައިވެސް ބައިވެރިވުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިމަހުގެ 23 އިން 24 އަށް ކޮމަންޑޫ ދައިރާއަށް ރައީސް ނަޝީދާއި، ރައީސް ޞާލިހު އަދި ޤާސިމް އިބްރާހިމް ވަޑައި ގަތުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްހޫރީ ޕާޓީން ރާޝިދަށް ތާއީދު ކުރަން ނިންމާފައިވާއިރު، އެޕާޓީގެ ވަޒީރު ކަމުގައި ހުންނެވި ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވަނީ ރާޝިދަށް ތާއީދު ކުރައްވާކަން ހާމަކޮށް ޓުވީޓެއްވެސް ކުރައްވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ފޯރި ގަދަވެފައިވާއިރު، މިއިންތިޚާބުގައި އިދިކޮޅުން ވާދަކުރާ ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިނަށް ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން މިއަދު ކޮމަންޑޫއަށް ވަޑައި ގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމްއެންޕީ އާއި ޕީޕީއެމުންދަނީ އެބޭފުޅުންގެ އަމިއްލަ ސިޔާސަތާއިއެކު އިތުރު ޕާޓީއެއްގެ އެހީއައި ނުލައި އިންތިޚާބުގެ މަސައްކަތް ކުރަމުންނެވެ.

