ޑްރަގް މައްސަލައިގައި ހައްޔަރުކުރެވުނު އަންހެނަކު “އަމިއްލައަށް މަރުވާން ހިތަށްއަރާ” ކަމަށް ކޯޓުގައި ބުނެފައިވާތީ އޭނާ ރަނގަޅަށް ބަލަހައްޓަން ކްރިމިނަލް ކޯޓުން އަންގައިފިއެވެ.
މިދިޔަ ޑިސެމްބަރ މަހު ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ޕާކިސްތާނުގެ ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހިމެނޭ 51 އަހަރުގެ އަންހެންމީހާ (ބުސްރާ އަނީސް) އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކޯޓުގައި ބުނެފައިވަނީ އޭނާ އަމިއްލައަށް މަރުވުމަށް ހިތަން އަރާ ކަމަށެވެ.
މިމައްސަލައިގައި ހައްޔަރުކުރެވުނީ ބުސްރާގެ އިތުރުން މުހައްމަދު ޔަސީން(49) އަދި މުނީރް އަޒީޒް(41)އެވެ. މިތިން މީހުންގެ އަތުން 2.485 ކިލޯގެ މަސްތުވާ ތަކެތި ވަނީ އަތުލައިގެންފައެވެ. މި މީހުންގެ ތެރެއިން ބުސްރާގެ ޖަނގިޔާ ތެރެއިން 852 ގްރާމްގެ ހެރޮއިން ފެނިފައިވާއިރު މުހައްމަދު ޔަސީންގެ ބޫޓު ތެރެއިން 738 ގްރާމް ހެރޮއިން އަދި މުނީރްގެ ބޫޓު ތެރެއިން 895 ގްރާމްގެ ހެރޮއިން ވަނީ ފެނިފައެވެ.
ކްރިމިނަލް ކޯޓުން ބުސްރާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު ފުލުހުން ވިދާޅުވީ ބުސްރާގެ ނަފްސާނީ ހާލަތު ހުރި ގޮތުން ޑޮކްޓަރަށް ދައްކައި ބޭސް ދީފައިވާ ކަމަށެވެ. އަނެއްކޮޅުން ދިފާއުން އެދުނީ ބަލި ހާލަތަށް ބަލައި ބުސްރާ މިނިވަންކޮށް ޑީޕޯޓްކޮށްދިނުމަށެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ އަވަހަށް ނިންމަން ކުރި މަސައްކަތް ލަސްވެފައި ވަނީ ބަޔާން ނެގުމަށް ދިފާއީ ވަކީލަށް ހާޒިރު ނުވެވުމުންނެވެ. ކުރިން ވަކީލަކު ހަމަޖައްސައިދިނީ ދައުލަތުން ކަމަށް ވިޔަސް މިހާރު އައްޔަންކޮށްފައިވާ ވަކީލަކީ ބުސްރާގެ ފަރާތުން އަމިއްލައަށް ހަމަޖެއްސި ވަކީލެކެވެ.
މި މައްސަލާގައި ހިމެނޭ ޕާކިސްތާނު މީހުން ގެނައި ޑްރަގްސްއާ ހަވާލުވެފައި ވަނީ ދިވެއްސެކެވެ. ފުލުހުން ހިންގާ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނުގައި ހައްޔަރުކުރީ ފުވައްމުލަކު މީހެއް ކަމަށްވާ އަބްދުﷲ އާމިރު، 31، އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ވަނީ ޑްރަގާ ހަވާލުވުމަށް ފަހު އެ ގެނައި މީހުންނަށް 3،000 ޑޮލަރު ވެސް ދީފައެވެ.

