ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ޕޮލިސް ސްޓޭޝަން ރޯކޮށްލިތާ 10 އަހަރު ފަހުން އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
ތިނަދޫ ޕޮލިސް ސްޓޭޝަން ގެ އާއިމާރާތުގެ ބިންގާ އެޅުމުގެ މިރަސްމިއްޔާތުގައި އާ އިމާރާތުގެ ބިންގާ އަޅައިދެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އިމްރާނާއި، ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ރައްޔިތުންގެ މަޖުލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރުން އަބްދުލް މުޣުނީ އާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ ސަނީފް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުالله އާއި، ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ގެ އިތުރުން ކައުންސިލުގެ މެމްބަރުންނާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން–ހުވަދޫ ފޮޓޯ: މުހައްމަދު އަޚުތަރު
މިހާރު ތިނަދޫ ޕޮލިސް ސްޓޭޝަން ހުރި އިމާރާތުގެ ގޯތި ތެރޭގައި ބޭއްވި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ރަށްރަށުގައި ކުށް މަދުކުރުމަށާއި ރަށުގެ އަމާންކަން ދެމެހެއްޓެވުމަށް ފުލުހުން ދެން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ އެރަށެއްގެ ކައުންސިލާއި ގުޅިގެން ކަމަށެވެ. އަދި ފާއިތުވީ ތިން އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވާކަން ސީޕީ ވަނީ ފާހަގަކޮށްފައެވެ.
ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާރ އޮފް ޕޮލިސް ވާހަކަފުޅު ދައްކަވަނީ–ހުވަދޫ ފޮޓޯ: މުހައްމަދު އަޚުތަރު
މިރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ތިނަދޫގެ ރައީސް ސަޢުދު އަލީ ވިދާޅުވީ، ކައުންސިލާއި ގުޅިގެން ތިނަދޫގެ އަމަން އަމާންކަން ބެލެހެއްޓުމަށްޓަކައި ފުލުހުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ފުލުހުންނަށް އިތުރު ތަމްރީނުތައް ދީ ފުލުހުންގެ އަދަދު އިތުރު ކުރުމަށް އެދޭ ކަމަށެވެ.
ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައި ތިނަދޫ ރައީސް ވާހަކަފުޅު ދައްކަވަނީ–ހުވަދޫ ފޮޓޯ: މުހައްމަދު އަޚުތަރު
މިއަދު ތިނަދޫގައި ބިންގާ އެޅި ޕޮލިސް ސްޓޭޝަނަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރެވިގެންދާނެ ހަތަރު ބުރީގެ އިމާރާތެކެވެ. މިއިމާރާތުގައި އެކޮމޮޑޭޝަން ބްލޮކެއްވެސް ހިމެނެއެވެ. އަދި މިއިމާރާތް ޤާއިމުކުރެވި ހުޅުވިގެން ދިޔުމުން ތިނަދޫ ޕޮލިސް ސްޓޭޝަން ވެގެންދާނީ ސައުތު ޕޮލިސް (ގއ، ގދ، ޏ އަދި އައްޑު އަތޮޅު ހިމެނޭ ސަރަޙައްދު) ގެ ސަބް ރީޖަނަލް ހެޑްކުއަރޓަރޒް އަކަށެވެ.
ތިނަދޫގައި މިހާރު ބޭނުންކުރަމުންދާ ސްޓޭޝަން މީގެ 10 އަހަރު ކުރިން ހިނގާދިޔަ ހަމަނުޖެހުމެއްގައި ބަޔަކު ނުކުމެ ވަނީ އަލިފާން ރޯކޮށްލާފައެވެ.

ފެބްރުއަރީ 08 ވަނަ ދުވަހު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މާލެއާއި އަތޮޅުތަކުގައި ހިންގި ޙަރަކާތްތަކުގައި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށާއި ތިނަދޫގައި ހުރި ދައުލަތުގެ ބައެއް އިމާރާތްތަކަށް ގެއްލުންދީ އެތަންތަނުގައި ހުޅުޖަހައި ރޯކޮށްލާފައި ވުމުގެ ސަބަބުން ތިނަދޫ ޕޮލިސް ސްޓޭޝަން ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި އޭގެ ފަހުން ތިނަދޫގައި ފުލުހުންގެ ޚިދުމަތް ދެމުން ގެންދިޔައީ އާންމު މީހުންގެ ގެތައް ކުއްޔަށް ނަގައިގެންނެވެ. އެއަށް ފަހުން މިހާރުގެ އިމާރާތް މަރާމާތު ކޮށް ފުލުހުންގެ ޚިދުމަތް ޕޮލިސް ސްޓޭޝަންގައި ދެމުން ގެންދާއިރު، ފުލުހުންގެ ބެރެކްސްގެ ގޮތުގައި ބޭނުން ކުރަމުން ދަނީ އާންމު ރައްޔިތެއްގެ ގެއެއް ކުއްޔަށް ނަގައިގެންނެވެ.

