ދިވެހިރާއްޖެއަކީ ނިސްބަތުން ކުށް މަދު ގައުމެކޭ ބުނެވޭކަށް ނެތް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓާރ އިމްރާން ވިދާޅުވީ، ރާއްޖޭގެ ނިސްބަތުން ކުށް ކުރާ މިންވަރު ގިނަ ކަމަށާއި، 18 އަހަރުން ދަށުގެ ކުދިންވެސް ކުށުގެވެށީގައި އުޅޭ މިންވަރު ގިނަ ކަމަށެވެ.
ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އިމްރާން ވާހަކަފުޅު ދައްކަވަނީ –ހުވަދޫ ފޮޓޯ: މުހައްމަދު އަޚުތަރު
މިނިސްޓަރ ގެ ވާހަކަފުޅުގައި ވިދާޅުވީ، ކުށްމަދު ކުރުމަށް ކުރަން ޖެހޭ އެންމެ ބޮޑު މަސައްކަތަކީ ޤާބިލު، ޕްރޮފެޝަނަލް ފުލުހުން ތަމްރީނު ކުރުން ކަމަށާއި، އަދުގެ ސަރުކާރުން ވަނީ ފުލުހުން ތަމްރީނު ކުރުމަށް މީގެ ކުރިން ހޭދަ ނުކުރާ ވަރަށް ހޭދަ ކޮށްފައި ކަމަށެވެ.
އަދި އަމާން ވެއްޓެއް ބިނާ ކުރުމަށް، އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ކޮންމެ މީހަކަށް ކޮންމެ ތަނެއްގައިވެސް އެކަނި ހުރެވޭނެ އާމާން މާހައުލެއް ހޯދަން އެބަޖެހޭ ކަމަށްވެސް މިނިސްޓަރ ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓާރ ވިދާޅުވީ، ފުލުހުންނަކީ ޒިންމާ ބޮޑު، މަސައްކަތް ބުރަ ބައެއް ކަމަށާއި، އަދި ފުލުހުންގެ އެކަނި މަސައްކަތުން ނަތީއްޖާ ނުނިކުންނާނެ ކަމަށެވެ. އެހެން ކަމުން، މިއަދު މިއޮތް ހާލަތުން ގައުމު އަރައިގަނެވޭނީ އެންމެ އެކުގައި މަސައްކަތް ކޮށްގެން ކަމަށްވެސް މިނިސްޓާރ ވަނީ ވިދާޅުވެފައެވެ.

