އެމްޑީޕީގެ ސަރުކާރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކަށްވަޅުގަ ނިންދަވަން ބާއްވާފައި ޒީރޯ ޓޮލަރެންސް މެކުހަށް ޖަހާފައިވާ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވަނީ އެމްޑީޕީ ސަރުކާރުން ޒީރޯ ޓޮލަރެންސް މެކުހަށް ޖަހާލީ އޭސީސީ ނިންދަވާން ބާއްވާފަ ކަމަށާއި 12 އަހަރު ފާއިތުވެގެން ދިޔައިރުވެސް ކޮންޓްރެކްޓް ތަންފީޒް ނުކުރީ ވެސް އެމްޑީޕީން ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވި ގޮތުގައި އިންޑިޔާގެ ޓާޓާ ކުންފުންޏާއެކު 2010 ވަނަ އަހަރު މޮޅު އެއްބަސްވުމެއް ހެދީވެސް ރައީސް ނަޝީދުގެ ވެރިކަމުގައެވެ.
އެމްޑީޕީން ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާ، މަގާމުގެ މަސްއޫލިއްތު އަދާ ނުކުރެވޭ ކަމަށްބުނެ، މިދިޔަ އަހަރު ފަހުކޮޅު އޭސީސީގެ ހުރިހާ މެންބަރުން މަޖިލިސް މެދުވެރިކޮށް ވަކި ކުރަން ހުށަހަޅާފަ އެވެ. އެއާއެކު، އޭސީސީގެ ހުރިހާ މެންބަރުންވަނީ އިސްތިއުފާ ދީފަ އެވެ.
އިންޑިޔާގެ ޓާޓާ ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމުން އޭގެ ބަދަލުގައި ރާއްޖެއިން ޓާޓާ ކުންފުންޏަށް ދެބިމާއި ފަޅު ރަށެއް ދިނުމަށް މިސަރުކާރުން ނިންމެވުމުން ގިނަބަޔަކު ދަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ. އަދި ރާއްޖެ އިންޑިޔާއަށް ވިއްކާލަނީއޭ ބުނެ އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ.
2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި 500 ފްލެޓް އެޅުމަށް ޓާޓާ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. އެހެންނަމަވެސް ތަކުރާރުކޮށް މުއްދަތުތައް ދީގެން ވެސް އެއްބަސްވި ގޮތަށް ފްލެޓްތައް ނޭޅުމުން ކުރީގެ ވެރިކަމުގައި މިއެއްބަސްވުން ވަނީ އުވާލާފައެވެ. އޭގެ ބަދަލުގައި ޓާޓާއިން މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅީ ތިން ބިލިއަން ރުފިޔާގެ ބަދަލެއް ނަގައި ދިނުމަށެވެ.
އެހެންނަމަވެސް ޓާޓާއިން ސަރުކާރާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނެގުމަށް ޝަރުތުކޮށް މިސަރުކާރުން ސެޓަލްމެންޓް ހެދީ ޓާޓާ ކުންފުންޏަށް ރާއްޖެއިން ދެބިމާއި ފަޅުރަށެއް ދިނުމަށް ނިންމާފައެވެ.

