އޭޑީކޭ ހޮސްޕިޓަލަށް ދިޔަ މާބަނޑު މީހަކު ކޮވިޑަށް ފައްސިވުމުން ފަރުވާ ނުދީ ގެޔަށް ފޮނުވާލައިފިއެވެ.
މީސްމީޑިޔާގައި މިވާހަކަ ހިއްސާކުރި މީހާ ބުނެފައިވަނީ މާބަނޑު މީހާގެ ފެންދުލި ފަޅައިގެން ދިޔުމުން މިއަދު ފަތިހު އޭޑީކޭ ހޮސްޕިލަށް ދިޔަކަމަށާއި އެންމެ ފުރަތަމަވެސް ހޮސްޕިޓަލުން ބެލީ ކޮވިޑްގެ އަލާމާތެއް ހުރިތޯއެވެ. އަދި މިމަހު 13 ވަނަ ދުވަހު ހެދި ޓެސްޓުގެ ނަތީޖާ ފައްސި ވާހަކަ ބުނުމުން އައިޖީއެމްއެޗަށް ދިޔުމަށް ބުނި ކަމަށެވެ.
މީގެއިތުރުން އެއަންހެންމީހާއަކީ އޭޑީކޭ ހޮސްޕިޓަލަށް ވިހަން ރަޖިސްޓްރީކޮށް ގަވައިދުން ޑޮކްޓަރަށް ދައްކަމުން ދިޔަ މީހެއް ކަމަށް އޭނާ ބުނެފައިވެއެވެ.
“ހޮސްޕިޓަލް ތިޔައީ ކަންނެލި ފެކްޓަރީ އެއްތޯ؟ އޭ ކޮލެޓީ، ބީ ކޮލެޓީ ހޮވަން!.” އެމީހާ މީސްމީޑިޔާގައި ބުނެފައިވެއެވެ.
މިމައްސަލައިގައި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އައްފާލް “ވަގުތު” މީޑީޔާއަށް މައުލޫމާތުދެމުން ވިދާޅުވީ މާބަނޑު މީހާ ކޮވިޑަށް ފައްސިވުމާއި ގުޅިގެން އެހެން ހޮސްޕިޓަލަކަށް ދިޔުމަށް އަންގާފައިވާނެ ކަމަށާއި އެހޮސްޕިޓަލަކީ ކޮވިޑް ބަލިމީހުންނަށް ފަރުވާދޭ ހޮސްޕިޓަލެއް ނޫން ކަމަށެވެ.
މީގެއިތުރުން އޭޑީކޭއިން ބޮޑު އޮޕަރޭޝަނެއްކޮށް އެދުމަތިކޮށްފައި އޮތަސް ކޮވިޑަށް ފައްސިވެއްޖެނަމަ ފެސިލިޓީއަކަށް ފޮނުވާލާގޮތަށް އެހޮސްޕިޓަލުން ހަމަޖައްސާފައިވާކަމަށް މެނޭޖަރ ވިދާޅުވިއެވެ.

