ރާއްޖޭގެ ކޮންމެ ރަށަކަށް އެރިޔަސް ތަފާތު ހިތްގައިމު ކަންތައްތަކެއް ފެނުމަކީ ވަރަށް އާދައިގެ ކަމެކެވެ. އެހެނީ ރަށްރަށުގެ ގުދުރަތީ ނަލަ ކަމާއި ރަށުވަންތަ ދިރިއުޅުން ކޮންމެ ރަށެއްގައިވެސް ވެއެވެ. ތޮއްޖެހިފައިވާ މާލޭގެ މާޙައުލާ މުޅިންހެން ތަފާތު ވުމުން ވެސް، މިދެންނެވި އުފާވެރި މަންޒަރާއި މާހައުލު ތަފާތު ވެއެވެ.
ހުވަދު އަތޮޅުގެ ރަށްތަކަކީވެސް އިސްވެ ދެންނެވުން ފަދަ ހިތްގައިމު ސިފަތައް ގިނަ އަތޮޅެކެވެ. އެގޮތުން ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ އަކީ ފާހަގަކޮށްލެވޭ ރަށެކެވެ. އާބާދީ ގައި 917 އަންހެނުން އަދި 941 ފިރިހެނުން ވަޒަންވެރިވެފައިވާ ފަރެސްމާތޮޑާ އަށް ޒިޔާރަތްކުރާ ކޮންމެ މީހަކުވެސް އެރަށުގެ ފަސްގަނޑުގައި ފައި ޖެހުމާއެކު ފުރަތަމަ ވެސް ލޮލުގައި އަޅައިގެން ދާނީ އެރަށުގެ ބަނދަރު މަތީގައި ހިންގާ، ބަލާ ބެލުމަށް ކުދި ކެފޭ ތަކެއްހެން ސިފަވާ ގާޑިޔާ ތަކެވެ. މި ގާޑިޔާތައް އެހެން ރަށްރަށުން ފެންނަ ވިޔަފާރި ގާޑިޔާ ތަކާ މުޅިން ތަފާތެވެ. ހަދާފައި ހުންނަ ގޮތާއި ފޯރުކޮށްދޭ ޚިދުމަތް ވެސް އަތޮޅުގެ އެހެން ރަށްރަށުގެ ގާޑިޔާތަކާއި ތަފާތެވެ.
ފަރެސްމާތޮޑާގެ ކައުންސިލުން ގާޑިޔާ ހިންގުމަށް ބިން ދޫކޮށްފައިވާ ހިސާބުގައި ހިނގަމުންދާ ގާޑިޔާ ތަކުން ފެންނަ އެންމެ ހިތްގައިމު ކަމަކީ ޖަޒީރާވަންތަ މާޙައުލުގެ ތެރޭގައި ރުއް ގަސްތަކުގެ ހިޔަލާ ނިވަލުގައި ބީޗް ރެސްޓޯރެންޓު ތަކުގައި ހުންނަ ގޮތަށް ގޮނޑިޔާ މޭޒުތައް ހުރެފައި ގިނަ ބަޔަކު އެއް މާހައުލުއްްގައި ތިބޭ ތިބުމެވެ. އެއްވެސްކަމެއްގައި ޒާތީ ޚިޔާލު ތަފާތު ވުމެވެ ނެތި އަނގަ މަޖާ ކުރާ މާހައުލެކެވެ.
ފަރެސްމާތޮޑާގެ ބަނދަރު ސަރަހައްދުގައި ހުރި ގާޑިޔާތައް
ސެލްފް ސަރވިސް އެއްގެ ގޮތުގައި އާދައިގެ ކަޅު ކޮފީ އިން ފެށިގެން ލަވާޒާ އާއި، އިލީ ފަދަ ބްރޭންޑު ތަކުގެ ކޮފީ ލިބޭ ލިބުމާއި ހެދިކާ ވެސް ލިބުމެމެވެ. ހަމަ އެހެންމެ ދިވެހި އުފެދުނުތައް ޕެކޭޖް ކޮށް މި ގާޑިޔާ ތަކުން ވެސް ލިބުމަކީ އެތަނަށް ދާ މީހުންނަށް ލިބޭ އިތުރު ހިތްހަމަޖެހުމެކެވެ.
ރަށުގެ މޫނު މަތީގައި ހުންނަ މި ގާޑިޔާ ތަކުގައި އިތުރަށް ފެނިގެންދާ ނުވަތަ ލިބިގެންދާ އަނެއް ހިތްހަމަޖެހުމަކީ ފެނާ ކަރަންޓު ހުރުމެވެ. އެހެން ރަށްރަށުން ގާޑިޔާ ހިނގުމުގެ ފުރުސަތު ދީފައި އޮންނަ ގޮތާ މުޅިން ތަފާތުކޮށް މިތަން ތަނުން އަތް ދޮވެވޭނެ ގޮތާއި ފަންކާ އާއި ބޮކި ފްރިޖް ފަދަ ތަކެތި ބޭނުން ކުރެވެއެވެ. އެކަން އެމޭރުމުން ހުއްދަ ދެވިފައި އޮތުމުން ތަންތަން ހިންގާ ފަރާތްތަކަށް ރޭގަނޑުވެސް ރަނގަޅު އަދި މީހުން އެދޭ ފަދަ ޚިދުމަތްތަކެއް ދެވެއެވެ. އަނެއް ކޮޅުން މާހައުލަށް އިތުރު ހިތްގައިމު ކަމެއް ގެނުވައެވެ.
ގަޑިއާގެ މި "ތަފާތު ކޮންސެޕްޓް" ގައި ތަން ހަދާފައި ހުރީ ވެސް ވަރަށް ތަފާތު ގޮތަކަށެވެ. ޖާގައިގެގޮތުން ކިތަންމެ ކުޑަ ނަމަވެސް ބަލަން ފަސޭހަ، ޚިދުމަތް ފަސޭހަ ގޮތަކަށެވެ. އެއްވެސް ދިމާލަކުން ބާ ގޯނި ގަނޑެއްހާ މިންވަރު ވެސް ނުފެނެއެވެ. ތަން ހުންނަނީ ރީތި ކޮށް ޑިޒައިން ކޮށް ކުލަޔާ ދަވާދު ލައި ރީތި ކޮށްފައެވެ. އޭގެ ތެރެއިން އެއް ތަން 2 ބުރިއަށް ހަދާފައި ހުރި ހުރުމަކީ ފަރެސްމާތޮޑާ ގެ "ޒަމާނީ ގާޑިޔާ "ތަކަށް ގެނެވިފައިވާ ތަހުޒީބީ ކުރިއެރުން ކަން ގަބޫލު ކުރެވެއެވެ.
ފަރެސްމާތޮޑާގެ ބަނދަރު ސަރަހައްދުގައި ހުރި ގާޑިޔާތައް
ގާޑިޔާ ވިޔަފާރީގައި އަތޮޅުގައި އެންމެ ނަންހިގާ ތިނަދޫ ގެ ގާޑިޔާ ތަކުން ވިއްކާ ތަރުކާރީ އާއި މޭވާގެ ބައި މި ގާޑިޔާ ތަކުން އެއްވެސް ވަރަކަށް ނުފެންކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެއީ ވެސް މުޅި މާހައުލު ބަދަލު ވެފައިވާ ކަމުގެ ސިއްރު ކަމުގައި ބުނެވިދާނެއެވެ. އެހެނީ އެއީ ލޯކަލް މާރުކޭޓު ނޫންވިއްޔައެވެ.
މި ވިޔަފާރިއާއި ގުޅިގެން ފަރެސްމާތޮޑާ ރައީސް ފަރާތުން ވެސް "ހުވަދޫ ނިއުސް ޓީމުން" ބަހެއް ހޯދާލީއެވެ. ރައީސް އިމްތިޔާޒު ވިދާޅުވީ ފަރެސްމާތޮޑާ ގެ ބަނދަރު ސަރަހައްދުގައި ހިނގާ ގާޑިޔާ ވިޔަފާރި އަކީ ވަރަށް ބޮޑަށް ޒަމާނަށް ފައްތައިގެން ކުރާ ވިޔަފާރި އެއް ކަމަށާއި އެ ތަންތަނުގެ ސަބަބުން ރަށަށް އަރާ ފައިބާ މެހެމާނުން ވެސް ތިބެނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައިކަމަށެވެ. އަދި އެކަމަކީ ކައުންސިލުން މާ ބޮޑަށް ހިފަހައްޓައިގެން ކުރުވާ ކަމެއް ނޫން ކަމަށާއި ބޭނުމަކީ އެކަން ކުރާ ބަޔަކު ހިތްހަމަޖެހޭ ގޮތަކަށް ކުރިޔަށް ގެންދިޔުމާއި، އޭގެ ސަބަބުން ރަށުގެ ރައްޔިތުންނާއި، ރަށަށް އަރާ ފައިބާ މީހުންނަށް ފަސޭހަވުންކަމަށެވެ.
ރައީސް އިމްތިޔާޒު އިތުރަށް ވިދާޅުވީ ބޭނުން ވަނީ ރަށުގެ މަލަމަތި ސާފުކޮށް ޗާލުކޮށް އޮވެފައި އެ މަސައްކަތް ވެސް ކުރުވުން ކަމަށާއި އެކަން ދަނީ އެ އުސޫލުން ކުރަމުން ކަމަށެވެ.
ފަރެސްމާތޮޑާ ގާޑިޔާ އެއް ހިނގާ މީހަކު ބުނީ އެ މަސައްކަތް ވަރަށް ކާމިޔާބު ކަމަށާއި އެއީ ކައުންސިލުން ދީފައިވާ ރަނގަޅު ފުރުސަތެއްކަމަށެވެ. އަދި ރަށުގެ އާންމުގެ ފަރާތުން ވެސް ވަރަށް އެއްބާރުލުން ލިބޭ ކަމަށާއި ގޮނޑި، މޭޒު އަދި ޖޯލިފަތިތަކަށް ވެސް އެއްވެސް ގެއްލުމެއް ނުދޭ ކަމަށެވެ. އަދި ސަރަހައްދު ސާފުތާހިރުކޮށް ބޭއްވުމަށް ހުރިހާ ފަރާތަކުން ވެސް އެއްބާރުލުން ލިބޭ ކަމަށް ވެސް އޭނާ ބުނެޏެވެ.
ކޮންމެއަކަސް ފަރެސްމާތޮޑާގެ މޫނުމަތިން ފެންނަ މި ހިތްގައިމު ކަމަކީ ވަރަށް ގިނަ ބަޔަކު ބަލައިގަންނަ ކަމެކެވެ. ޚާއްސަކޮށް ބަނދަރު ސަރަހައްދުގައި ހަރަކާތްތެރިވާ މަސްވެރިންނާއި ދަތުރު ވެރިންނަށެވެ. ހަމަ އެހެންމެ މިއީ މުޅި ރަށަށް ލިބިފައިވާ ހިނިތުން ވުމެއްގެ އެއް އަސްލު ވެސްމެއެވެ.

