ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅުން ހިންގަމުންދާ “އިންޑިޔާ އައުޓް” ކެމްޕެއިން ސަރުކާރުން ބޭނުންވިޔަސް ނުހުއްޓުވޭނެކަން ދިވެހި ރައްޔިތުން ހާމަކޮށްދެއްވަމުން ގެންދާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖުލީހުގެ ކޮމަންޑޫ ދާއިރާ ކެމްޕެއިންގެ ދަށުން ށ.ފޯކައިދޫއަށް އިދިކޮޅު ކޯލިޝަނުން ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގައި އެއްވެސް ޤައުމެއްގެ އަސްކަރީ ސިފައިން ތިބުމަކީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށާއި މިސަރުކާރުން ކިތަންމެ މަސައްކަތެއް ކުރިކަމުގައިވިޔަސް “އިންޑިޔާ އައުޓް” ކެމްޕެއިން ނުހުއްޓުވޭނެ ކަމަށެވެ.
ޔާމީން އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުން ރައްޔިތުން ގެންދަނީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަޑުއުފުލަމުން ކަމަށާއި އެކަމާއި ދިވެހި ރައްޔިތުން ނުރުހޭކަން ހާމަކޮށް ދެއްވަމުން ގެންދާ ކަމަށެވެ.
ރާއްޖޭގެ މިނިވަންކަމަށް އިންޑިއާގެ އަސްކަރީ ސިފައިން ތިބޭތީ އަސަރުކުރާކަން ދިވެހި ރައްޔިތުން ބުނާ ބުނުމާއިމެދު ސަރުކާރުން ސުވާލު އުފައްދާނަމަ އެކަމާއިމެދު ރައްޔިތުން ދެކޭގޮތް ބެލުމުގެ ފުރުސަތު ސަރުކާރަށް ޤާނޫނު އަސާސީން ބުނެދީފައިވާކަމަށް ޔާމީން ވިދާޅުވިއެވެ. ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއި މިފަދަ ކަންކަމުގައި ރައްޔިތުންގެ ވިސްނުން އޮތް ބެލުމުގެ ފުރުސަތު ސަރުކާރަށް އޮތްއިރު މިއީ އެފުރުސަތު ބޭނުންކޮށް އިންޑިއާގެ ސިފައިން ރާއްޖެ އިން ބޭލުމަށް މަސައްކަތް ކުރަންވީ ވަގުތުކަން ޔާމިން ފާހަގަކޮށްލިއެވެ.
ކޮމަންޑޫ ދާއިރާގެ ޕީޕީއެމް ކެނޑިޑޭޓް ފަތުހީ އެދާއިރާގެ ގޮޑިއަށް ހޮވައިފިނަމަ މަޖިލިސް ތެރޭގައި އިންޑިއާގެ ސިފައިން ބޭލުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރަކަށް ވެގެންދާނެކަމަށާއި މިއީ ދިވެހި ރާއްޖެއަށާއި، ސަރުކާރަށްވެސް ދެވޭނެ ވަރުގަދަ މެސެޖަކަށް ވެގެންދާނެކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.
ޔާމީން ފާހަގަކުރެއްވި ގޮތުގައި ދިވެހި ޤައުމުގެ ހައްގުގައި ވަކާލާތުކުރާ ބަޔަކީ ޕީޕީއެމްގެ މެމްބަރުންނާއި އެޕާޓީއަށް ތާއީދުކުރާ މީހުންނެވެ. އަދި ހައްގުގެ މަގުގެ މަގުގައި ސާބިތުވެ ތިބިބަޔަކަށް ކާމިޔާބް ލިބިގެންދާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

