ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަލުހުކުމުގައި ބަންދުގައި ހުންނެވި މުއްދަތުގައި އެމަނިކުފާނަށް ސަރުކާރުން ދޭން ޖެހޭ އިނާޔަތުގެ ގޮތުގައި 2.4 މިލިޔަން ރުފިޔާ އެމަނިކުފާނަށް ދީފިއެވެ.
ކުރީގެ ރައީސުންނަށް ސަރުކާރުން ދެމުންގެންދާ އިނާޔަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށްވެސް ލިބެންޖެހޭނެ ކަމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް ހޭދަކުރެއްވި ދެ އަހަރު ދުވަހުގެ އިނާޔަތްތަކުގެ ގޮތުގައި، ޔާމީން އެދިވަޑައިގަތް 2.4 މިލިއަން ރުފިޔާ އާއި މިދިޔަ ޑިސެންބަރު މަހަށް ލިބެން ޖެހޭ އިނާޔަތް ވެސް ސަރުކާރުން އެމަނިކުފާނަށް ޖަމާކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ މީޑިއާ ޑިރެކްޓާ މުހައްމަދު ޝަނޫން ވަނީ ވިދާޅުވެފައެވެ.
އެއީ ޖަލު ހުކުމުގެ ކުރިން މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50,000 ރުފިޔާއައި ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50,000 ރުފިޔާ ހިމެނޭހެން ޖުމްލަ 2.4 މިލިއަން ރުފިޔާއެވެ.
ކުރީގެ ރައީސުންނަށް ލިބެންޖެހޭ އިނާޔަތްތައް ޔާމީން ޖަލަށް ހުކުމް ކުރި ހިސާބުން ވަނީ މެދުކަނޑާލެވިފައެވެ. އެހެންނަމަވެސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލުހުކުމް ސްޕްރީމްކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންވި ހިސާބުން ލިބެންޖެހޭ އިނާޔަތްތައް އެ މަނިކުފާނަށް ދިނުމަށް ޓަކައި ކޮންޓިންޖެންސީ ބަޖެޓުން އިނާޔަތްތަކަށް ހަތަރު މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ.

