ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ބޫސްޓަރ ޑޯޒް ޖަހާދޭން އެއްވެސް ޕާޓީ އަކުން ވަޢުދުވިތޯ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރިކޯ) ސުވާލުކުރައްވައިފިއެވެ.
މޫސަ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ވޯޓުގެކުރިން ކޮމަންޑޫދާއިރާގެ ހުރިހާރައްޔަތުންނަށް ވެކްސިންދެޑޯޒާއެކު ބޫސްޓާ ޑޯޒް ޖަހާދޭން އެއްވެސް ޕާޓީ އަކުން ވައުދުވިތޯ އެވެ. މޫސަ މި ޓުވީޓް އަމާޒުވެފައިމިވަނީ އިންތިޚާބާއި ދިމާކޮށް ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ވަނީ ފަށާފައިވަނިކޮށެވެ.
ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދަވައިދެއްވުމަށް ދައުލަތުގެ އިސްވެރިންނާއި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި މަޖިލިސް ގިނަ ޢަދަދެއްގެ އެމްޑީޕީ މެންބަރުން އަންނަނީ އެދާއިރާގައި ހަރަކާތްތެރިވަމުންނެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ތިން ޕާޓިއަކުން ވާދަކުރާއިރު ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެ ފޯރިގަދަވެފައެވެ. އިންތިޚާބުގައި ވާދަކުރަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން މުޙައްމަދު ރާޝިދާއި، އިދިކޮޅު ޕީޕީއެމް އިން މޫސާ ފަޠުހީ އާދަމާއި، އެމްއެންޕީން ޢަބްދުލްޙަންނާން އިދުރީސްއެވެ.

