އިތުރު މަރަކާއެކު ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލަށް އަނެއްކާވެސް ފަރުވާކުޑަކަމުގެ ތުހުމަތްތަކެއް ކުރަން ފަށައިފިއެވެ.
ހާލުދެރަވެގެން އިތުރު ފަރުވާއަށް މާލެ ފޮނުވަން އުޅުނު އުމުރުން ދުވަސްވީ މީހަކު ނިޔާވެފައިވަނީ ހޮސްޕިޓަލުގެ ފަރާތުން ދިޔަ ޑޮކްޓަރުގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތުކޮށްފިއެވެ.
ނިޔާވި އަންހެންމީހާގެ ދަރިފުޅު މުހައްމަދު ރަޝީދު ވަނީ ކަންތައް ހިނގާދިޔަގޮތް ހުވަދޫ ނިއުސްއާ ހިއްސާކޮށްފައެވެ.
ގދ.ހޯޑެއްދޫ އަނބުމާގެ ޒަރީނާ ހުސައިން (73)ގެ ހާލު ދެރަވެގެން ގދ. ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލަށް ގެނެވުނީ މީގެ ހަފްތާއެއް ކުރިންނެވެ. ހޮސްޕިޓަލުގައި އައިސީޔޫގައި ޒަރީނާއަށް ފަރުވާދެމުން ގެންދިޔައީ އޮކްސިޖަން ގުޅައިގެންނެވެ.
ޒަރީނާގެ ހާލު ރަނގަޅު ނުވުމުން އާއިލާއިން ބޭނުންވީ އޭނާ މާލެ ގެންދާށެވެ. އެހެންނަމަވެސް ހޮސްޕިޓަލުން ބުނެފައިވަނީ ބަލިމީހާ މާލެ ގެންދެވޭނީ އޮކްސިޖަން ގުޅައިގެން ކަމަށާއި އެގޮތަށް މާލެ ގެންދަން ހޮސްޕިޓަލުގައި ވަސީލަތްތައް ނެތްކަމަށެވެ.
އެހެންކަމުން މުހައްމަދު ރަޝީދު ވަރަށް މަސައްކަތުން ރައްޔިތުންގެ މަޖުލީހުގެ ތިނަދޫ ދާއިރާގެ މެންބަރުންނަށް ގުޅައިގެން މަންމަ މާލެ ގެންދަން އޮކްސިޖަން ހަމަޖެއްސިއެވެ.
ހޮސްޕިޓަލުގެ ފަރާތުން ޑޮކްޓަރަކު އެމީހުންނާއެކީ ދިޔަކަމަށް މުހައްމަދު ވަނީ ބުނެފައެވެ. ސީއެމްބިއުލާންސުގައި އިއްޔެ ކާޑެއްދޫއަށް ދެވުނު ނަމަވެސް ފްލައިޓުން ޖާގަނުލިބިގެންނާއި އެހެނިހެން ކަންތައްތަކުގައި ކާޑެއްދޫގައި ވަގުތުކޮޅެއް ހޭދަވެގެން ދިޔައެވެ. އެވަގުތުގައި ބަލިމީހާ ބާއްވާފައި އޮތީ އެއަރޕޯޓުގެ ހެލްތު ކެއަރ ރޫމްގައެވެ.
އިރުކޮޅެއްފަހުން މަންމަގެ ހާލު ރަނގަޅުވަމުން ދިޔުމުން މަންމަ ބޭނުންވީ އެއްޗެއް ބޯލަން. އެހެންކަމުން ޑޮކްޓަރު ލަފާދިނީ ފިނި ނުކޮށް ހުރި އެއްޗެއް މަންމައަށް ދިނުމަށް. މަންމަގެ ހާލު ކުޑަކޮށް ރަނގަޅުވެ ކޮޅަށް ތެދުވެ އިނދެ ޖޫސްތަށިވެސް ބޯލި. މަންމައަށް ކޮޅަށް އިދެވުނީމާ މަންމަގެ ހާލު ރަނގަޅުކަމަށް ބަލާފައި ޑޮކްޓަރު އޮކްސިޖަން ނައްޓާލީ. ޑޮކްޓަރުބުނީ މިވަތު ހާލު ރަނގަޅޭ އޮކްސިޖަން ބޭނުމެއް ނުވޭ ބަލިމީހާއަށް. ރަޝީދު ކިޔައިދިނެވެ.
އަދި މިހާރު އޮކްސިޖަން އެހާ މުހިންމު ނޫން ކަމަށް ޑޮކްޓަރު ބުނެފައިވާކަމަށް މުހައްމަދު ރަޝީދު މައުލޫމާތު ދިނެވެ.
ފްލައިޓަށް އަރަން ދިޔައިރުވެސް މަންމަގެ އޮކްސިޖަން ހުރީ ނައްޓާފައި ކަމަށާއި އެގަޑީގައި މަންމަގެ ހާލު މަޑުމަޑުން ގޯސްވާހެން ހީވި ކަމަށް މުހައްމަދު ބުންޏެވެ. އެހެންނަމަވެސް ޑޮކްޓަރު ކައިރީގައި ހުރި އިރުވެސް މަންމަގެ ހާލު ދެރަވަމުން ދިޔަ ކަމެއް ނޭގުމުން މުހައްމަދު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ފްލައިޓަށް އަރާ ގޮޑީގައި އިންދާ މަންމަގެ ހާލު އިތުރަށް ގޯސްވުމުން ޑޮކްޓަރު ތެޅިގަތެވެ. އެހެންނަމަވެސް އެވަގުތު މަންމަ މަރުވީ ކަމަށް މުހައްމަދު ބުނަމުންދިޔައިރު މުހައްމަދުގެ ލޮލުން ކަރުނަތައް ފައިބަމުންދިޔައެވެ.
“މަންމަ މަރުވެގެން ދިޔައީ ޑޮކްޓަރު އޮކްސިޖަން ނައްޓާލުމުން. އޮކްސިޖަން ނުނެއްޓި ނަމަ މަންމަ މިއަދު އަހަރެމެންނާއެކުގަ ވާނެ.” އަސަރާއެކު މުހައްމަދު ކިޔައިދިނެވެ.
ކޮންމެއަކަސް ޒަރީނާ މަރުވުމުން ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުން ވަނީ މައްޔިތާ ރަށަށް ގެނައުމަށް އެހީތެރިވާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އާއިލާއިންވަނީ އެކަމަށް އިންކާރުކޮށްފައެވެ. އަދި ޒަރީނާ މަރުވީ ހޮސްޕިޓަލުގެ ފަރާތުން ފޮނުވި ޑޮކްޓަރުގެ އިހުމާލުން ކަމަށްބުނެ އާއިލާއިން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މީގެ ކުރިންވެސް ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގެ އިހުމާލުން ވަނީ ބަލިމީހެއްގެ ފުރާނަ ގޮސްފައެވެ. ހޮސްޕިޓަލުގެ އިހުމާލުން މީހުން މަރުވުން ދުވަހެއް ދުވަހެއް ރާއްޖޭގައި މިއަންނަނީ އިތުރުވަމުންނެވެ. ސިއްޚީދާއިރާގައި މިފަދަ ބޮޑެތި އިހުމާލުތައް ހުންނައިރު ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް އެޅޭތޯ މިއީ ރައްޔިތުންގެ އަދި ޒަރީނާގެ އާއިލާއިންވެސް މިއަދު ކުރަމުންދާ ސުވާލެކެވެ.
މިކަމާއި ގުޅިގެން ހޮސްޕިޓަލުގެ މީޑީޔާ އޮފިޝަލް އަދި ހޮސްޕިޓަލްގެ މެނޭޖަރަށް ވަކިވަކިން ގުޅާލުމުންވެސް ފޯނަށް ޖަވާބުދާރީ ވެފައިނުވާތީ ހޮސްޕިޓަލްގެ ބަހެއް ވަނީ އަދި ނުލިބިފައެވެ.

