ރައްޔިތުންގެ މަޖުލީހުގެ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް މިސަރުކާރުން ދައްކަވާ ނަނާ ހުވަފެންތައް ޤަބޫލުކުރާނެ ބަޔަކު އެދާއިރާގައި ނެތްކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްއެންޕީގެ ކެނޑިޑޭޓް އަބްދުލް ހަންނާނު އެދާއިރާއަށްވާ ވައުދުތައް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ސަރުކާރުން އުޅެނީ ރައްޔިތުން ގުނބޯ ހައްދަން ކަމަށާއި އެފަދަ ނަނާ ހުވަފެންތައް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ޤަބޫލުނުކުރާނެ ކަމަށެވެ.
ނާޒިމް މިހެން ވިދާޅުވީ ކުއްލިއަކަށް އެދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ސަރުކާރުން އެދާއިރާއަށް ގިނަ މަޝްރޫޢުތައް ހިންގަން ނިންމުމުންނެވެ. އެގޮތުން އެދާއިރާއަށް އެއަރޕޯޓަކާއި ރިސޯޓްތައް އެދާއިރާގައި ތަރައްޤީ ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ މެންބަރަކު އެދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ދާއިރާއަށް ކަމެއް ނުކޮށް ދެވެއެވެ. ނަމަވެސް ސަރުކާރަށް ނިސްބަތް ނުވާ ޕާޓީއެއްގެ މެންބަރަކު ހުރެއްޖެ ނަމަ ސަރުކާރު ފަހަތުން ދުވެ އެ ވައުދުތައް ފުއްދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އެމްއެންޕީން ކޮމަންޑޫ ދާއިރާ އަށް ވައުދުތައް އެކުލަވާލީ ކޮންމެ ގެއަކަށް ގޮސް ގިނަ ވަގުތުތަކެއް އާއިލާތަކާއެކު ހޭދަ ކުރުމަށް ފަހުގައި، އެ ދާއިރާގެ ރައްޔިތުންގެ އިހުސާސްތައް ވަރަށް ކައިރިން ދެކި އަޑު އަހައިގެން ކަމަށެވެ.

