ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް ދުވަހެއް ދުވަހެއް އިތުރުވެ ހާލަތު މިވަނީ ގޯހުން ގޯހަށް ބަދަލުވެފައެވެ. ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެ އެޗްޕީއޭވެސް ހާސްވެ ކަންބޮޑުވެފައެވެ. އަޅާނެ އިތުރު ފިޔަވަޅެއް ނެތި ކުރާނެ އިތުރު ކަމެއް ނެތި ފަރުދީ ޒިންމާއަށް ހުރިހާ ކަމެއް މިވަނީ ދޫކޮށްލާފައެވެ.
އެހެންކަމުން ރޭގެ ވަގުތަކާ ޖެހެންދެން ރާއްޖޭގައި އޮތީ ނުރައްކާތެރި ސިއްޚީ ހާލަތު އޮރެންޖު އެލާޓުގައެވެ. ނަމަވެސް ހެލްތު މިނިސްޓްރީން މިވަނީ އޮރެންޖު އެލާޓް ރަތަށް ބަދަލުކޮށްފައެވެ. އޮރެންޖުން ރަތް އެލާޓަށް ބަދަލުވާން މާގިނަ ދުވަހެއް ނުނަގައެވެ. މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ކޮވިޑްގެ ރެސްޓްރިކްޝަން ލެވެލް ހުރީ އޮރެންޖު ކުލައިގައެވެ. އަދި ޖެނުއަރީ ނުވަ ވަނަ ދުވަހު ހުރީ ރީނދޫ ކުލައިގައެވެ. މީގެންވެސް އެގިގެންދަނީ ޤައުމުގެ ހާލަތު މިހާރު ވަރަށް ގޯސްކަމެވެ.
ހެލްތް މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން (ތަހޭ) ވަގުތު މީޑިޔާއަށް މައުލޫމާތުދިން ގޮތުގައި ދުވާލެއްގެ މައްޗަށް 200 އިން މައްޗަށް ކޭސް އަރަމުންދާތީ ރެސްޓްރިކްޝަން ލެވެލް މަތިކުރަން ޖެހުނީއެވެ. އަދި ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭގެ އުސޫލުގައި ރެސްޓްރިކްޝަން ލެވެލް ރަތަށް ބަދަލު ކުރަނީ ބަލި ޖެހުނު މީހަކާ ގުޅުމެއް އޮތްކަން ނޭނގި އެހެން މީހުންނަށް ބަލި ޖެހެން ފަށައި ނުރައްކާތެރި ހާލަތަކަށް ވެއްޓުމުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ޖެނުއަރީ 13 ވަނަ ދުވަހުންފެށިގެން އަދަދުތައް ދިޔައީ އިތުރުވަމުންނެވެ. އެގޮތުން ބަލާއިރު ޖެނުއަރީ 13 ވަނަ ދުވަހު 816 ކޭސް ވަނީ ފެނިފައެވެ. މިވީ 4 ދުވަހުގެ ތެރޭގައި މިއަދަދު މިވަނީ 1400 އިން މައްޗަށް އަރާފައެވެ. ޖެނުއަރީ މަހު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރުވަނީ 8،964 އަށް އަރައެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި އެންމެ ގިނަ މީހުން ފައްސިވެފައިވަނީ މާލެ ސިޓީންނެވެ.
މާލެސިޓީގެ އިތުރުން ކ.މާފުށިން އަދި ދ.ކުޑަހުވަދޫން މިވަނީ ދާދި ފަހުން ކޮވިޑްގެ އެންމެ ނުރައްކާތެރި އެއް ވޭރިއެންޓް އޮމިކްރޯންގެ ކޭސްތަކެއް ފެންމަތިވެފައެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ގައިންވެސް އޮމިކްރޯންވަނީ ފެނިފައެވެ.
މީގެކުރިންވެސް ރާއްޖޭގައި ވަނީ ކުއްލި ނުރަކަލުގެ ހާލަތު ރަތަށް އެލާޓަށް ގެނެސްފައެވެ. 2020 ވަނަ އަހަރު މެއިމަހު ރާއްޖޭގެ ހާލަތު ގޯސްވެ ރަތް ސަމާލުގައި އޮތްއިރު އެދުވަހު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 2،194 މީހުންނެވެ.

