ރަޝިޔާގެ ދެމަފިރިއެއް ކަމުގައިވާ އޮލްގާ އަދި އީވާން އަށް، 2 ފިރިހެން ކުދިން ލިބިފައި ވެއެވެ. ދޮށީ ދަރިފުޅަށް 7 އަހަރު ފުރިފައިވާއިރު، ހަނގު ދަރިފުޅު ޑެނިސްއަށް ވަނީ 2 އަހަރު ފުރިފައެވެ. ނަމަވެސް، އޮލްގާއަށް އޭނާގެ ހަގުދަރިފުޅުގެ ލޭގެ ގްރޫޕަކީ A ކަން އެނގޭ ހިސާބުން އޭނާގެ މުޅި ދުނިޔެ ބަދަލުވެގެން ދެއެވެ.
އޮލްގާގެ ލޭގެ ގްރޫޕަކީ B އަށް ވެފައި، އީވާންގެ ލޭގެ ގްރޫޕަކީ O އެވެ. ޖެނެޓިކް ބްލަޑް ގްރޫޕް ޕްރިންސިޕްލްސް ބުނާގޮތުން O އަދި B ގެ ލޭގެ ގްރޫޕް ހުރި ދެމަފިރިޔަކަށް ލޭގެ ގްރޫޕް A ހުންނަ ކުއްޖެއް ލިބުމަކީ ވާނޭ ކަމެއް ނޫނެވެ. މިކަން ފާހަގަވުމާއިއެކު، ހަޤީޤަތް ދެނެގަތުމަށް ދަރިފުޅުގެ ޑީ.އެން.އޭ ޓެސްޓެއް ހެދުމަށް ދެމަފިރިން ނިންމިއެވެ.

ޑީއެންއޭ ޓެސްޓުގެ ނަތީއްޖާއިން، ވަރަށް ބޮޑު ހައިރާންކަމެއް ގެނުވައި، މިދެމަފިރިން މާޔޫސްކޮށްލިއެވެ. ޓެސްޓުގެ ނަތީއްޖާ ދެއްކިގޮތުން، މިދެމަފިރިންގެ ހަނގު ދަރިފުޅު ޑެނިސް އަކީ، އެދެމަފިރިންނާއި ލޭގެ ގޮތުން އެއްވެސް ގުޅުމެއް ނެތް ކުއްޖެއް ކަން އެނގިގެން ދެއެވެ. މިގޮތުން އޮލްގާ އަދި އީވާން އަކީ ޑެނިސްގެ ހަޤީޤީ މައިންބަފައިން ނޫންކަން އެނގުނެވެ.

ކަންތައް ވީގޮތް ރަނގަޅަށް ވިސްނާލުމުން، ވެގެން ދިޔަގޮތް އިތުރަށް ސާފުވެގެން ދިޔައެވެ. ފުރަތަމަ ދަރިފުޅަށް އޮލްގާ ބަނޑު ބޮނޑުވީ ތަފާތު ވަރަށް ގިނަފަހަރު އެބޯޓްވުމަށް ފަހުގައި ކަމުގައި ވުމުން، ދެވަނަ ދަރިފުޅަށް އެފަދަ ތަކުލީފު އުފުލަން ބޭނުން ނުވާތީ، "އިން ވިޓްރޯ ފާޓިލައިޒޭޝަން" އެއް ނުވަތަ އައިވީއެފް ހެދުމަށް ދެމަފިރިން ނިންމިއެވެ. އައިވީއެފް ހެދުމުގައި އިންޗާޖަކަށް ހުރި ޑޮކްޓަރުގެ ފަރުވާކުޑަކަމުން، އޮލްގާއަށް އިމްޕްލާންޓް ކުރެވުނީ އެހެން ބައެއްގެ އެމްބްރިއޯ އެކެވެ. އަދި މިދަރިފުލަށް ބަލިވެ އިނދެ 9 މަސް ފުރައި އޮލްގާއަށް ދުނިޔެއަށް އުފަންކުރެވުނީ ނުވެސް ދަންނަ އެހެން ބައެއްގެ ދަރިއެކެވެ.
ހޮސްޕިޓަލުގެ މިބޮޑު އިހުމާލާއި ގުޅިގެން ރަޝިޔާގެ މިދެމަފިރިން ހޮސްޕިޓަލާއި ދެކޮޅަށް ކޯޓުގައި ދަޢުވާކުރިއެވެ. މިދެމަފިރިންނަށް ލިބުނު ގެއްލުމުގެ ބަދަލުގައި 29,500 ޕައުންޑް ދިނުމަށް ހުކުމް ކޮށްފައި ވީނަމަވެސް، ހޮސްޕިޓަލުން މިތުއްތު ދަރިފުޅުގެ ހަޤީޤީ މަންމަ އަދި ބައްޕަ ހޯދަން ވަނީ ދެކޮޅު ހަދާފައެވެ. ހޮސްޕިޓަލުން ބުނާގޮތުން، ބަލިމީހުންގެ މައުލޫމާތު ހާމަކުރުމަށް ޤާނޫނު ތަންނުދެއެވެ.
އަދި މިހާތަނަށް، އޮލްގާ އަދި އީވާން އަށް އެދެމަފިރިންގެ އަސްލު ދަރިފުޅަށް ވީގޮތެއް ނޭނގެއެވެ. ނަމަވެސް އޮލްގާގެ އައިވީއެފް ހެދި ދުވަހު އިތުރު އެހެން އަންހެނަކުވެސް އެ ހޮސްޕިޓަލުގައި އައިވީއެފް ހަދާފައި ވެއެވެ. ކުޑަ ވަގުތުކޮޅަކަށް މިދެމަފިރިންނަށް އެ އަންހެން މީހާ ބައްދަލުވެފައި ވީނަމަވެސް، އެއީ ކޮން ނަމެއްކިޔާ މީހެއްކަން މިހާރު ނޭނގެއެވެ.
ޤަބޫލުކުރަން ދަތި ހަޤީޤަތް އެނގުމުން، ހޮސްޕިޓަލުން، އެ ދަރިފުޅު، ޑެނިސް، ޔަތީމްޚާނާއަކަށް ބަދަލުކުރަން އިރުޝާދު ދެއެވެ. ނަމަވެސް ހޮސްޕިޓަލުގެ މި އިރުޝާދަށް އަމަލުކުރަން މިދެމަފިރިން ބޭނުމެއް ނުވިއެވެ. މިދެމަފިރިން ބޭނުންވަނީ ޑެނިސްއަކީ އެމީހުންގެ އަމިއްލަ ދަރިއެއްގެ ގޮތުގައި ލޯބިން ބަލައި ބޮޑުކުރުމަށެވެ. ނަމަވެސް އަމިއްލަ ދަރިފުޅު ހޯދުމަށް މިދެމަފިރިން ބޭނުންވެއެވެ.
އައިވީއެފް ހެދި ހޮސްޕިޓަލުގެ ޒިންމާދާރުކަން ކުޑަވުމާއި، އެމީހުންގެ އަސްލު ދަރިފުޅު ހޯދުމަށް އެއްވެސް އެއްބާރުލުމެއް ހޮސްޕިޓަލުން ދީފައި ނުވުމުން، މި ދެމަފިރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ޑެނިސްގެ ހަޤީޤި މައިންބަފައިން ހޯދުމަށާއި، އެމީހުންގެ ދަރިފުޅު ހޯދުމަށް މި ދެމަފިރިން ވަނީ ސޯޝަލް މީޑިއާގައި މައުލޫމާތު ހިއްސާކޮށް، ސޯޝަލް މީޑިޔާގެ އެހީތެރިކަމަށް އެދިފައެވެ.

