އަބަދުވެސް ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި އެވިސްނުން ބަދަލުނުވާނެ ކަމަށް ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލަންކާގެ ކޮޅުބުގެ ނޫހެއް ކަމަށްވާ “ދަ ހިންދޫ”އަށް ދިން އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އަބަދުވެސް ޝައުގުވެރިކަން ހުންނަ ކަމަށާއި އެވިސްނުން ބަދަލުނުވާނެ ކަމަށެވެ. އަދި އެންމެ މުހިންމު ކަމަކީ އެމްޑީޕީ ވެރިކަމެއް ރާއްޖޭގައި އޮތުން ކަމަށް ބުނަމުން ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ހޯއްދެވުމަށް ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވާން ތައްޔާރަށް ހުރި ކަމަށެވެ.
ދެންއަންނަ ދައުރެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވާދަކުރައްވާނަންތޯ ސުވާލުކުރުމުން ނަޝީދުގެ ޖަވާބަކީ ވެރިކަމަށް ކުރިމަތި ލައްވާނީ ކޮން ކެނޑިޑޭޓެއް ކަމާމެދު އަދި މަޝްވަރާ ނުކުރައްވާ ކަމަށެވެ.
“އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެން ދެ މީހުން އެކަކު އަނެކަކާ ކުރިމަތިލާތަނެއް. އަޅުގަނޑަށް ޔަޤީން އެއީ ރައީސް ޞާލިޙް އެދިލައްވާނެ ކަމެއް ނޫންކަންވެސް” ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުންރައީސް ޞާލިޙަކީ އަބަދުވެސް ރައީސް ނަޝީދުގެ ޚިޔާލުތަކާއި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުގައި އެމަނިކުފާނު ގެންގުޅުއްވާ ޙައްލުތަކުގެ އަގު ވަޒަންކުރައްވާ އަޑު އައްސަވާ ބޭފުޅެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ނުވަތަ އިބްރާހިމް މުހައްމަދު ސޯލިހު ފެނިދާނެ ކަމަށާއި ނޫނީ އެމްޑީޕީގެ އިތުރު ކެނޑިޑޭޓަކު ފެނުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ނަޝީދު މައުލޫމާތު ދިނެވެ. ކޮންމެ ބޭފުޅަކު ވެރިކަމަށް އަޔަސް ރާއްޖޭގައި އެމްޑީޕީ ވެރިކަމެއް ބޭއްވުމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ނަޝީދު ވަނީ ދެއްވާފައެވެ.
ރައީސް ނަޝީދު ސްރީލަންކާއަށް ވަޑައިގެންފައިވަނީ ފަސް ވަނަ ސްރީ ލަންކާ ޔޫތު ޕާލަމެންޓުގެ ދެ ވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށެވެ.
އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮންނަ ނިޒާމުގެ ތެރެއިން އެއްވެސް ސިޔާސީ ޕާޓީއަކަށް ގިނިކަންޏާ ނިކުމެ އިންތިޚާބެއް ކާމިޔާބު ކުރުމަކީ ނާދިރު ކަމެއް ކަމަށެވެ. އަދި ވެރިކަމަށް އަންނަން ބޭނުންނަމަ، ކުދި ޕާޓީތަކާއެކު ކޯލިޝަން ހަދަން ޖެހޭ ކަމަށާއި، ސަރުކާރެއް ހެދިގެންދާއިރު ކުދި ޕާޓީތަކަށް ސަރުކާރުގެ ބޮޑެތި ބާރުތައް ލިބޭކަން ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ ބައެއް ޕާޓީތަކަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުގައި ބަރުލަމާނީ ނިޒާމުގައިވެސް ވެރިކަން އެކުލަވާލަނީ ކޯލިޝަނަކުންކަން ފާހަގަކޮށްލެވެއެވެ. ވަކި ޕާޓީއަކަށް މަޖިލީހުން އެކަށީގެންވާ ވަރަށް ގޮނޑި ނުލިބިއްޖެނަމަ އެންމެ ގިނަ ގޮނޑި ލިބުނު ޕާޓީއަކަށް ކޯލިޝަނެއް ހެދުމުގެ ފުރުސަތު ގިނަ ޤައުމުތަކުގެ ބަރުލަމާނީ ނިޒާމުގެ ތެރެއިން ލިބެއެވެ.

