ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުންދިޔަ ގއ. މާމެންދޫ، ފުރުކުމާގެ، އައިޝަތު އިފާޒާ ނިޔާވީ ކޮވިޑް ބަލީގައި ނޫންކަމަށް އެޗްޕީއޭއިން މިއަދު ކަނޑައަޅައިފިއެވެ.
މާލޭގައި ތައުލިމް ހާސިލް ކުރަމުންދިޔަ އިފާޒާ އަކީ ކިޑްނީގެ ބަލި ތަހައްމަލް ކުރަމުންދިޔަ ޒުވާނެކެވެ.
މީޑީޔާއަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ އިފާޒާ އަކީ ކިޑްނީ މައްސަލައެއް ހުންނަ ކުއްޖެއް ކަމަށާއި އޭނާ ނިޔާވެފައިވަނީ ސިއްޚީ މައްސަލައެއް ދިމާވެގެން ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ދީފައި ނުވެއެވެ.
އެހެންކަމުން އެމަރަކީ ކޮވިޑްގެ މަރެއް ކަމަކަށް އެޗްޕީއޭއިން ކަނޑައަޅާފައިނުވެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެ އިން މިހާތަނަށް 106،595 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު 265 މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ. އަދި 98،238 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 8،079 އަށް އަރައެވެ. އަދި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު 40 އަށް އަރައެވެ.

