ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންގެ އައިޑެންޓިޓީ ދަރިވަރުންނާއި ބެލެނެވެރިންނަށް އެގެންޖެހޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން މޫނު ބުރުގާ އެޅުމުން ޓީޗަރުގެ އައިޑެންޓިޓީ ދަރިވަރުންނަށް އަދި ބެލެނެވެރިންނަށް ނޭގޭ ކަމަށާއި ޓީޗަރުންގެ އައިޑެންޓިޓީ އެގެން ޖެހޭނެ ކަމަށެވެ.
ސްކޫލްތަކުގައި މޫނު ބުރުގާ އަޅާ ޓީޗަރުން ކިޔަވައިދިނުމަށް ބައެއް ފަރާތްތަކުން ބާރުއަޅަމުންދާތީ އެމްޑީޕީން ވަނީ އެކަން ކުއްވެރިކޮށްފައެވެ. އަދި މިގޮތަށް ވާހަކަ ދައްކާ މީހުންނަކީ ދީނުން ބޭރުވެފައިވާ މީހުންކަމަށް ސިފަކުރާތީ އެމްޑީޕީއިން ކަންބޮޑުވާކަމަށްވެސް ބުނެފައިވެއެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވެފައި ވާކަންވެސް އެމްޑީޕީން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެފަދަ ކުށްތަކުގެ މައްސަލަތައް ބެއްލެވުމުގައި އިތުރަށް ސަމާލުވުމަށް ދައުލަތުގެ އިދާރާތަކަށް ގޮވާފައިވެއެވެ.
އެމްޑީޕީން ބުނާގޮތުގައި ދިވެހި މުޖުތަމައުގައި މައިންބަފައިނާއި ބެލެނިވެރިންނާއި އަދި ދަރިވަރުންނަކީ މަދުރަސާތަކުގައި ކިޔަވާދެއްވާ މުދައްރިސުންނާ ކުރިމަތިލާންޖެހޭ ބަޔަކަށްވާއިރު، އެ މުދައްރިސުން މޫނު ބުރުގާއިން މޫނު ނުފޮރުއްވައި، އަދި އެއީ ކޮންބޭފުޅުންނެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާގޮތަށް ތިއްބެވުމަކީ ބޭނުން ކަމެއް ކަމުގައެވެ.
އެމްޑީޕީން މިފަދަ ބަޔާނެއް ނެރެފައިވާއިރު 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީން ވަނީ ތަފާތުކުރުންތައް ނައްތާލަން ގޮވާލާ، ތުނބުޅި ދިގު ކުރާ މީހުންނާއި، މޫނު ބުރުގާ އަޅާ މީހުންނާއިމެދު އޮތް ތަފާތު ކުރުންތައް ނައްތާލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

