މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ، މޯލްޑިވްސް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ފިއުލްސް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތިނަދޫ އަބޫބަކުރު ސްކޫލަށް ފައިސާ އާއި ތަކެތީގެ ބޮޑު އެހީއެއް ދީފައި އެވެ.
އަބޫބަކުރު ސްކޫލަށް މި އެހީތެރިކަން ހޯދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އަދި އެވަގުތު ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނެވި ޖަމްޝީދާ އަބްދުﷲ ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސްކޫލްގެ ކްލާސްތައް މަލްޓި މީޑިއާއަށް ފުލްކޮށް ބަދަލުކޮށް މިހާރު ހުރި މިންގަނޑު ތަރައްޤީ ކުރުމަށް އެކި ފަރާތްތަކަށް ހުށަހެޅުމުން އެމްޓީސީސީ، އެސްޓީއޯ އަދި އެފްއެސްއެމްއިން އެހީވެދެއްވާފައިވާ ކަމަށާއި އެގޮތުން އެ 3 ކުންފުނީގެ ތެރެއިން އެމްޓީސީސީ އަދި އެފްއެސްއެމްއިން އެކުންފުނިތަކުގެ ސީއެސްއާރ ދަށުން 1 ލައްކަ 55 ހާސް ރުފިޔާ ދެއްވާފައިވާ ކަމަށެވެ.

އަބޫބަކުރު ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޖަމްޝީދާ އަބްދުﷲ ޗެކާއި ހަވާލުވެ ވަޑައިގަންނަވަނީ / ފޮޓޯ: އަބޫބަކުުރު ސްކޫލް
އިތުރަށް ތަފްސީލު ދެއްވަމުން ޖަމްޝީދާ ވިދާޅުވީ އެސްޓީއޯ އިން ދެއްވާފައިވަނީ ކްލާސް ތަކުގައި ބަހައްޓާ ޓީވީ ކަމަށާއި އެމްޓީސީސީ އިން ދެއްވި 1 ލައްކަ 5 ހާސް އަދި އެފްއެސްއެމް އިން ދެއްވި 50 ހާސް ބޭނުން ކުރާނީ ކޮމްޕިއުޓަރުތަކާއި އެހެނިހެން ވަސީލަތް ތަކަށް ކަމަށެވެ.
އަބޫބަކުރު ސްކޫލްގެ ކިޔަވައި ދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެސްކޫލުން ކުރަމުން ގެންދަވާ މަސައްކަތްތަކަށް އެހީވުމަށް އެފްއެސްއެމްއިން ދެއްވި 50 ހާސް ރުފިޔާގެ ޗެކް ހަވާލު ކުރުުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
އަބޫބަކުރު ސްކޫލް ގައި ބޭއްވި މި ރަސްމިއްޔާތުގައި ސްކޫލްގެ ފަރާތުން ރަމްޒީ ޗެކާ ހަވާލުވެލެއްވީ ކުރީގެ ޕްރިންސިޕަލް ޖަމްޝީދާ އަބްދުﷲއެވެ. އަދި އެފްއެސްއެމް ގެ ފަރާތުން ޗެކް ޙަވާލު ކޮށްދެއްވީ އެފްއެސްއެމް ގެ ތިނަދޫ މެނޭޖަރ އަހުމަދު ޝަފީގްއެވެ.

