ކާޑެއްދޫ އެއަރޕޯޓަށް ބޭނުން ވަނީ ވަގުތީ ޙައްލު ތަކެއް ނޫން ކަމަށް ގދ.ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވެއްޖެއެވެ.
ކާޑެއްދޫ އެއަރޕޯޓްގެ ޖެޓީ ވެއްޓި އެތަނަށް ގެންނަ ޙައްލަކީ ވަގުތީ ޙައްލެއް ކަމަށްވުމީ އަނެކާވެސް އެޅޭ ޅައެއްޗެއް ކަމަށް ވިދާޅުވެ ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ގައްދޫ ރައީސް ވިދާޅުވީ ކާޑެއްދޫ އެއަރޕޯޓަކީ އެންމެ ދުވަސްވީ އެއް އެއަރޕޯޓަށް ވެފައި އެއީ އެތައް ގެސްޓުން އަރާ ފައިބާ ތަނަކަށް ވުމުން ކުރެވޭ ކޮންމެ ކަމެއް ކުރަންވާނީ ގިނަ ދުވަސްތަކަކަށް ބޭނުން ހިފޭގޮތަށް ވަރަށް ފެންވަރުގައި ކަމަށެވެ.
” މުޅި ރަށް ބަލާ ކިޔަސް ކުރިޔާ މިހާރާ ތަފާތެއް ނެތް. 28 އަހަރު ވެއްޖެ. މުޅި ތަން ވީރާނާ ވެ ހަލާކު ވަނީ. އެއީ އަތޮޅުގެ މައި ދޮރާށި ” – ގދ ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހުމަދު.
މިއަދު ހެނދުނުގެ ވަގުތެއްގައި ކާޑެއްދޫ އެއަރޕޯޓުގެ ޖެޓީގެ ބޮޑު ބައެއް ވެއްޓި އަރާ ފޭބުމަށް ދަތިވާ ޙާލަތަށް ދިޔުމުން ސަރުކާރުން މިހާރުވަނީ އެމްޓީސީސީ އާއި ޙަވާލުކޮށްގެން ވަގުތީ ޙައްލެއް ގެނައުމަށް ސަރވޭ ކުރަން ފަށާފައެވެ.
އަދި ކާޑެއްދޫ އަށް އިހުމާލުވާތީ، ހުވަދު އަތޮޅަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި، ރަށްރަށުގެ ރައީސުންގެ އިތުރުން އާންމު ރައްޔިތުން ދަނީ އެކިއެކި ޝުޢޫރު ފާޅު ކުރަމުންނެވެ.

