ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު އަތޮޅުތެރެޔަށް ދަތުރުކުރެއްވުމަށްތަކައި ރޭގެ ވަގުތެއްގައި ޕީސީއާރު ޓެސްޓެއް ހަދާފައިވާ ކަމަށާއި އެޓެސްޓުގެ ނަތީޖާ ފައްސިވެއްޖެ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޕީސީއާރުގެ ނަތީޖާ ފައްސިވުމުން މިވަގުތު އެމަނިކުފާނު ހުންނެވީ އެކަހެރިވެ ވަޑައިގެން ކަމަށާއި އެމަނިކުފާނުގެ ހާލު ރަނގަޅުކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑަށް ފައްސިވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް މިއަދު ފޯކައިދޫއަށް ވަޑައިގަންނަވަން ނިންމާފައި ވަނިކޮށެވެ. އެމަނިކުފާނާއެކީ މިދަތުރުފުޅުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.
ރާއްޖޭގައި މިދުވެސްވަރު ކޯވިޑް ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޭސްތައް އިންތިހާއަށް މަތިވާން ފަށައި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެ 3 ދުވަހަކުން ކޭސްތަކުގެ އަދަދުވަނީ ދެގުނަ ވާން ފަށާފައެވެ. ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު 2000އިން މައްޗަށް އަރާފައިވައިވާއިރު މީގެތެރެއިން %70 ކޭސްއަކީ މާލެ ސަރަޙައްދުން ޕޮޒިޓިވްވާ މީހުންނެވެ. މާލެ ސަރަޙައްދުން ޓެސްޓުކުރާ މީހުންގެ %35 މީހުން މިވަގުތު ބައްޔަށް ޕޮޒިޓިވްވަމުން ދެއެވެ.

