މި ސަރުކާރުގެ ތަޞައްވުރަކީ ރައްޔިތުންނާ ވީހާވެސް ގާތުން އަވަސް ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އައްޑޫގައި ބިނާކުރާ ސައުތު ރީޖަނަލް ހެޑް އޮފީހުގެ ބިންގާ އެޅުމަށް ސ. ހިތަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ދިފާއީ ވަޒީރުގެ ހައިސިއްޔަތުން ކަސްޓަމްސްގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާ މިނިސްޓަރު މާރިޔާ ވިދާޅުވީ، ކޮވިޑް-19ގެ ދަތި އުނދަގޫ ހާލަތުގައި ވެސް، ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އަދި ޒަމާނުއްސުރެ ވަރަށް ގިނަ އަދަދެއްގެ ވިޔަފާރިވެރިން އެތަނަކަށް ނިސްބަތްވާ އައްޑޫގައި، ކަސްޓަމްސްގެ އޮފީހެއް ހުޅުވިގެންދާ ކަމީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އައްޑުއާމެދު ގެންގުޅުއްވާ ގާތްކަމާއި، ވަރުގަދަ ތަސައްވުރު ހާމަވާ ކަމެއް ކަމަށެވެ.
ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށްޓަކައި މާލެ ފިޔަވައި ރާއްޖޭގެ އެހެން ބަނދަރުތަކުގައި އިމްޕޯޓް އެކްސްޕޯޓުގެ މަސައްކަތް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ އެކްސްޕޯޓް- އިމްޕޯޓް ގާނޫނަށް ސަރުކާރުން ހުށަހަޅުއްވައިގެން ގެނައި އިސްލާހާއެކު، އިމްޕޯޓަރުންގެ އަދަދު އިތުރުވެ، ރާއްޖޭގެ އެހެން ސަރަހައްދީ ބަނދަރުތަކަށް މުދާބާލާ މިންވަރު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައިކަން މިނިސްޓަރު މާރިޔާ ފާހަގަކުރެއްވި އެވެ.
މުސްތަގުބަލުގައި، މި ރީޖަނަލް ހެޑް އޮފީހުގެ ސަބަބުން އިމްޕޯޓް އެކްސްޕޯޓުގެ ހިދުމަތް ލިބިގަންނަ އެންމެހާ ވިޔަފާރިވެރިންގެ އިތުރުން، ހިދުމަތް ހޯދާ ރައްޔިތުންނަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

