2018 ވަނަ ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އިބްރާހިމް މުހައްމަދު ސޯލިހު ފިޔޯރީއަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަތް ރިޔާސީ އެއްވެސް ވައުދެއް މިހާތަނަށް ތަންފީޒުކޮށްފައިނުވާކަމަށް ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވެއްޖެއެވެ.
ފައިޒަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ފިޔޯރީ އެމްޑީޕީ ހަރުގޭތެރޭގައި ހުންނަވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔޯރިއަށް ވަރަށް ގިނަ ކަންތައް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގަތް ކަމަށެވެ.
އޭގެތެރޭގައި ފިޔޯރީ ބަނދަރު 500 ފޫޓަށް ބޮޮޑޫކުރުމާއި، މާކަނޑުގެ އަނގަމައްޗަށް ވާގޮތަށް ކަނޑާފައިވާ ނެރުގެ ބަދަލުގައި ރަނގަޅު ހިސާބަކުން ނެރު ހެދުން، ފިޔޯރީގެ އައިސްޕްލާންޓް 50 ޓަނުގެ ތަނަކަށް ބަދަލުކުރުން ހިމެނޭ ކަމަށް ފައިޒަރު ވިދާޅުވިއެވެ.
މީގެ އިތުރުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު، ފެނާއި ނަރުދަމާ ނިޒާމް އަދި ފިޔޯރީ ހެލްތު ސެންޓަރ ބޮޑުކޮށްދިނުމަކީ މިސަރުކާރުގެ ރިޔާސީ ވައުދުފުޅެއް ކަމަށް ފައިޒަރުގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ފައިޒަރު އިތުރަށް ވިދާޅުވީ މިކަންތައްތައް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގެ އިތުރުން ރައީސް އޮފީހުގެ ސަމާލުކަމަށް ގެނެވިފައިވާނެ ކަމަށާއި މިކަންތައްތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށްޓަކައި މާލެ ދިޔުމަށް އެރަށު ކައުންސިލުން ތައްޔާރުވަމުން ދާ ކަމަށެވެ. އަދި ކުރިޔަށް އޮތްތާނގައި ހުއްޓާނުލާ ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ކައުންސިލުުން ވަނީ ދީފައެވެ.
ފިޔޯރީގެ ތަރައްޤީއަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކުގައި ސަރުކާރާއި އެމްޑީޕީ މެންބަރުންގެ އެހީތެރިކަން ބޭނުންފުޅުވާނެ ކަމަށް ފައިޒަރު ވަނީ ވިދާޅުވެފައެވެ.

