ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ދެމުންދާ ލައިސަންސްގެ ޚިދުމަތް ހޯދުމަށް ނަންނޯޓު ކުރައްވަން ޖޭހެނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
މިއަދު އެ ކައުންސިލުން އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ބުރާސްފަތި އަދި ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ރޭގަނޑު 20:00 އިން 21:00 އަށް ލައިސަންސްގެ ޚިދުމަތަށް ނަންނޯޓް ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. އަދި ނަން ނޯޓްކުރާ ފަރާތްތަކުން ހެނދުނު 11:00 ގެ ކުރިން އެއިދާރާގެ ކައުންޓަރުން ދޫކުރާ ޚިދުމަތަށް އެދޭ ނަންބަރު ނެންގެވުން އެދޭކަމަށެވެ.
އަތޮޅު ކައުންސިލުގެ އިއުލާނުގައި ބުނެފައިވަނީ މިގޮތަށް އަމަލު ކުރުމަށް ނިންމާފައިވަނީ އޭ ޒޯންގެ ލައިސަންސްއަށް އެދޭ ފަރާތްތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ، ގދ.އަތޮޅުގެ އެކި ރަށްރަށުން ގިނަ އަދަދަކަށް ޚިދްމަތް ހޯދުމުން ދާތީ ކަމަށެވެ. އަދި މި އުސޫލާއި އެއްގޮތަށް 23 ޖަނަވަރީ ވަނަ ދުވަހުން ފެށިގެން އަމަލު ކުރަމުން ދާނެ ކަމަށްވެސް އަތޮޅު ކައުންސިލުން ބުނެއެވެ

އެގޮތުން، ލައިސަންސްގެ ޚިދުމަތަށް ނަންނޯޓު ކުރެއްވުމަށް އެކައުންސިލުގެ ފޯނު ނަންބަރު 6841032 އަށް ރޭގަނޑު 8 އާއި 9 އަކާއި ދެމެދު ގުޅައި ނަން ނޯޓު ކުރެއްވުމަށް އަތޮޅު ކައުންސިލުގެ އެ އިއުލާނުގައި ވަނީ ބުނެފައެވެ.
ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުންގެ ދެމުންދާ ލައިސަންސް ޚިދުމަތަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ދެމުންދާ ޚިދުމަތެކެވެ. އެގޮތުން އެ މިނިސްޓްރީގެ ޚިދުމަތް އަތޮޅު ތެރެއިން ފޯރު ކޮށްދިނުމަށް، އެ އަތޮޅެއްގެ އަތޮޅު ކައުންސިލު މެދުވެރިކޮށް ގެންދަނީ ޚިދުމަތް ދެމުންނެވެ.

