އިންޑޮނޭޝިޔާގެ ބަންޖަރުމަސިން ގައި ދިރިއުޅެމުން އަންނަ އީޝާ، ގިނަ ނޫސްތަކެއްގެ ހެޑްލައިނަށް 2017ގައި އަރާފައިވަނީ ހަޤީޤީ ދިރިއުޅުމުގައި "ސްލީޕިންގ ބިއުޓީއެއް" ގެ ގޮތުގައެވެ. އޭރު އެއްވެސް ގޮތަކަށް ނުހޭލާ 9 ދުވަހު އީޝާ ނިދާފައިވެއެވެ. އުމުރުން 13 އަހަރުގެ އީޝާ އާދަޔާ ޚިލާފު ގޮތަކަށް ދެފަހަރެއްގައި ގިނަ ދުވަސްތަކަކަށް ނިދާފައި ވެއެވެ. އަދި ފާއިތުވީ ހަފްތާގައި އެއްގޮތަކަށްވެސް ނިދިން ނުހޭލައި 13 ދުވަހަށް އީޝާ، ގަދަ ނިދީގައި ނިދާފައި ވެއެވެ.
އީޝާ ފާއިތުވީ ހަފްތާގައި ނިދާފައި އޮއްވާ، އޭނާގެ މައިންބަފައިން ވަނީ ޗެކަޕެއް ހެދުމަށް ކައިރި ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. ނަމަވެސް، ހެދި ޗެކަޕްގެ ނަތީއްޖާ ދައްކާގޮތުން، އީޝާގެ އެއްވެސް މައްސަލައެއް ނެތެވެ. އެހެން އިންސާނުންވެސް ނިދާ އުސޫލުން، އިޝާ އޮތީ ނިދާފައެވެ. އަދި 13 ދުވަސް ފަހުން އީޝާ ވަނީ ހޭލާފައެވެ. މިގޮތުން އީޝާ ހޭލިއިރު، އީޝާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ވަރުދެރަވެ، އީޝާގެ ސިއްޙީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައެވެ.

އިޝާ މިހާ ގިނަ ދުވަހު ނިދުމަށް މެދުވެރިވީ ސަބަބެއް އެއްވެސް މީހަކަށް ނޭނގެއެވެ. ނަމަވެސް ތުއްތު އީޝާ ކިބައިން "ހައިޕަރސޯމްނިއާ" ގެ އާލާމަތްތަކެއް ފެނިފައިވެއެވެ. "ހައިޕަރސޯމްނިއާ" އަކީ ނާރުގެ މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ވަރަށް މަދުން ފެންނަ ސިއްޙީ މައްސަލައެކެވެ. މި ސިއްޙީ ހާލަތު ކުރިމަތިވެފައިވާ މީހުންނަކީ އާދަޔާ ޚިލާފަށް ގިނައިން ނިދެއެވެ. "ހައިޕަރސޯމްނިއާ" ގެ ތަފާތު ވައްތަރުތައް ހިމެނޭއިރު، ތަފާތު ސަބަބުތައް ކަމުގައިވާ ނާރުތައް ހަލާކުވުމުން ކުރިމަތިވާ މައްސަލަތައް، ޖެނެޓިކް މައްސަލަތައް އަދި ޖިސްމާނީ ގެއްލުން އަދި ނަފްސާނީގޮތުން ލިބޭ ތަފާތު އަނިޔާގެ ސަބަބުން "ހައިޕަރސޯމްނިއާ" އަށް މަގުފަހިވެގެން ދެއެވެ.
އީޝާ ގަދަ ނިދީގައިވާއިރު، އޭނާގެ ބައްޕަ އެތަށްފަހަރަކު އީޝާ ހޭލެއްވުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެއްވެސްގޮތަކަށް ހޭލެވޭ ގޮތެއް ނުވެއެވެ. ނަމަވެސް އަޖައިބު ކުރުވަނިވި ގޮތަކަށް، އީޝާ، ނިދާފައި އޮންނައިރުވެސް، މައިންބަފައިން ކާތަކެތި އަގަޔަށް ލެއްވުމުން، ނިދީގައިވެސް ކާއެއްޗެހި ދިރުވައި ކައެވެ. އަދި ފާޚާނަ ކުރަން ޖެހުމުން އުދަނގޫވެ ތެޅޭތަން ފެނުމުން ފާޚާނަކުރަން ޖެހުނީކަން މައިންބަފައިން ދެނެގަނެއެވެ. އަދި ފާޚާނަޔަށް ގެންގޮސް ދިނުމުން ފާޚާނަކުރެއެވެ. ނަމަވެސް މިހުރިހާކަމެއްވެސް ކުރަނީ ނިދިން ނުހޭލައި ލޯނުހުޅުވައެވެ.

ލަފާކުރެވޭގޮތުން އީޝާއަށް ކުރިމަތިވެފައިވަނީ، "ސްލީޕިންގ ބިއުޓީ ސިންޑްރޯމް" އެވެ. މިއީ އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ސިއްޙީ މައްސަލައެކެވެ. ނަމަވެސް އީޝާގެ މައިންބަފައިންގެ އުއްމީދަކީ، މިމައްސަލަޔަށް ހައްލެއް ހޯދި، އީޝާގެ އެހެން އެކުވެރިންނެކޭ އެއްގޮތަށް އުފާވެރި އާންމު ދިރިއުޅުމެއް އުޅޭތަން ފެނިގެން ދިޔުމެވެ.
ނަމަވެސް "ސްލީޕިންގ ބިއުޓީ ސިންޑްރޯމް" ކުރިމަތިވެފައިވަނީ ހަމައެކަނި އީޝާއަކަށް އެކަނިއެއް ނޫނެވެ. މިމައްސަލަ ކުރިމަތިވެފައިވާ އެހެން ކުއްޖަކުވެސް ވަނީ ފާހަގަކުރެވިފައެވެ. އެކުއްޖާގެ ހާލަތަށް ބަލާއިރު، އީޝާގެ ހާލަތު ބޮޑުތަނުން ރަނގަޅު ކަމުގައި ފެނެއެވެ. ކޮލަމްބިޔާގެ 19 އަހަރުގެ އަންހެންކުއްޖަކު ވަނީ މީގެ ދެއަހަރު ކުރިން ނޫސްތަކުގެ ހެޑްލައިނުން ޖާގަ ހޯދާފައެވެ. މިކުއްޖާއަށްވެސް ވަނީ "ސްލީޕިންގ ބިއުޓީ ސިންޑްރޯމް" ކުރިމަތިވެފައެވެ. މި ކުއްޖާ ވަނީ ނުހޭލާ 2 މަސްދުވަހު ނިދާފައެވެ.

