އެމްޑީޕީއަކީ ހަމަ ތިބެފަ ކުއްލިއަކަށް އިނގިލިން ވައުދުތައް ގުނާލާ ބައެއް ނޫންކަމާއި، ރައްޔިތުންނާ ވާހަކަ ދައްކައިގެން ވައުދުތަކެއް ހިފައިގެން އިންތިޚާބަށް ނުކުންނަ ބައެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖުލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް ފޯކައިދޫގައި ރޭ ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ އެމްޑީޕީން ވައުދުތައް ވާނީ ރައްޔިތު މީހާގެ ހާލު ބެލުމަށްފަހު ރައްޔިތުންނާއި ވާހަކަ ދައްކައިގެން ކަމަށާއި ކުއްލިއަކަށް ތިބެފަ އިނގިލިން ވައުދުތައް ގުނަމުން އެމްޑީޕީ އިންތިޚާބަށް ނުނުކުންނާނެ ކަމަށެވެ.
މާރިޔާ ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ އަބަދުވެސް ރައްޔިތު މީހާއާ ދޭތެރޭ ވިސްނާ ފިކުރުކުރާ، ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރާ ޕާޓީއެކެވެ.
މާރިޔާ ފާހަނގަކުރެއްވި ގޮތުގައި އާސަންދައިގެ ހިދުމަތް ފެށުމާއި، ދަރިވަރުންގެ ފޮތް ލިސްޓަށް ހިލޭ ފޮތްތައް ދިނުމާއި އަދި އުމުރުން ދުވަސްވީ މީހުންނަށްދޭ ޕެންޝަން ފަދަ ގިނަ ވައުދުތައް އެމްޑީޕީން ވަނީ ފުއްދައިދީފައެވެ. އަދި މި ހުރިހާކަމެއްވެސް ކުރެވިފައިވަނީ ރައްޔިތުންނާ ގާތުން މަސަތްކަތް ކުރާތީއެވެ. ވަކިން ހާއްސަކޮށް ކޮމަންޑޫ ދާއިރާއަށް މިސަރުކާރުން ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދާކަން އެކަމަނާ ފާހަނގަކުރެއްވިއެވެ.
އިދިކޮޅުން ހިންގާ “އިންޑިޔާ އައުޓް” ކެމްޕެއިނަށް ފާޑުކިޔަމުން އެކަމަނާ ވިދާޅުވަނީ އިދިކޮޅުން މަސައްކަތް ކުރަނީ އިންޑިޔާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ހުއްޓުވުމަށް ކަމަށެވެ.
މި ޖަލްސާގައި އެމްޑީޕީގެ އިސް ވެރިންނާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާފައިވެއެވެ. ކޮވިޑް-19އަށް ފައިސިވުމާއި ގުޅިގެން ރައީސް ސޯލިހު މިޖަލްސާގައި ބައިވެރިވެ ވަޑައިނުގަންނަވައެވެ.

