މިދިޔަ އަހަރުގެ މޭމަހު ސުޕްރީމް ކޯޓުން ކުރި ހުކުމާއި އެއްގޮތަށް ކާޑެއްދޫ އެއާޕޯޓު ވިލާ ކުންފުންޏާއި އަންނަ މަހު ހަވާލު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު އޮންލައިން ނޫސް “ސަން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމިނިސްޓްރީ އިން މިހާރު ކުރަމުން އަންނަނީ ކާޑެއްދޫ އެއާޕޯޓުގެ އެގްރިމެންޓް ފައިނަލް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އަދި ވިލާ އަށް ދޭން ޖެހޭ ބަދަލުގެ ކަންކަން ނިމުމުން އެއާޕޯޓު ހަވާލު ކުރެވޭނެ ކަމަށް އަހުމަދު ޒުހައިރު ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރަކީ ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާވެފައި ކޯޓުގެ ހުކުމާއި އެއްގޮތަށް އެއާޕޯޓު ވިލާ ކުންފުންޏާއި ހަވާލު ނުކޮށް ގިނަ ދުވަސްތަކެއް ވުމުން ރައްޔިތުން ވަނީ ވަރަށް ބޮޑަށް އެކަމަށް ފާޑު ވިދާޅުވެފައެވެ.
މިދިޔަ ހުކުރު ދުވަހު ހެނދުނު ކާޑެއްދޫ އެއާޕޯޓަށް އަރާފައިބާ ބަނދަރު ވެއްޓުމުގެ ސަބަބުން އެ ރަށަށް އަރައިފޭބުމުގައި ދަތިތަކާ ކުރިމަތިލާން މިހާރު ވަނީ ޖެހިފައެވެ. އަދި އެމްޓީސީސީ އިން ވަނީ ހަމަ އެދުވަހު އެ ޖެޓީ އަށް ވަގުތީ ހައްލެއް ހޯދުމަށް ސާވޭ ކުރުމުގެ މަސައްކަތް ފަށާފައެވެ.
ކާޑެއްދޫގެ ބަނދަރު އަލުން މަރާމާތުކުރުމަށް ބޭނުންވާ ދިރާސާ އެއް ހެދުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ އެމްއާރުޑީސީއާ ހަވާލުކޮށްފައެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން ސުޕްރީމް ކޯޓުގައި އޮތް ކާޑެއްދޫ އެއާޕޯޓުގެ މައްސަލަ ނިންމުމާ އެކު މަރާމާތުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.

