މިނިސްޓްރީ އޮފް އާރޓްސް އެންޑް ކަލްޗަރ ގެ މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކޮވިޑް-18 އަށް ފައްސިވެއްޖެއެވެ.
ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން ޔުމްނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން ޔުމްނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އޭނާގެ ސުންކު ޓެސްޓު ކުރެއްވިއިރު، ނަތީޖާ ފައްސިވެފައިވާ ކަމަށާއި، މިހާރު ހުންނެވީ ގޭގައި އަމިއްލައަށް އެކަހެރިވެގެން ކަމަށެވެ.
ހުން އައިސް ރޯގާ އެބަހުރި، ކަރުގައާއި ހަށިގަނޑުގައި ރިހުން އެބަހުރި، އިރާދަކުރެއްވިއްޔާ މިކަމުން އަރައިގަނެވޭނެ، ކަންބޮޑުވަނީ މައިންބަފައިންނާއި އާއިލާއާ މެދު. ޔުމްނާ ވިދާޅުވިއެވެ.
ޔުމްނާ އިތުރަށް ވިދާޅުވީ، ވައިރަސް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ހާއްސަކޮށް ކުޑަކުދިންނާއި ހައިރިސްކު ބޮޑު މީހުން މިކަމުން ރައްކާތެރިކުރުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތްތަކެއް އެންމެންވެސް ކުރަންޖެހޭ ކަމަށެވެ.
މިނިސްޓަރ ޔުމްނާ މައުމޫން މިއަދު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އިއްޔެ ކޮވިޑަށް ފައްސިވެފައެވެ. އެމަނިކުފާނުވެސް މިވަގުތު ހުންނެވީ ގޭގައި ގޭގައި އެކަހެރިވެގެންނެވެ.
ރާއްޖޭގައި މިހާރު ކޮވިޑްގެ ހާލަތު ދަނީ ދުވަހެއް ދުވަަހަކަށް ގޯސްވަމުންނެވެ. އެގޮތުން އިއްޔެ އެކަނި 2349 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ވޭތުވެދިޔަ ހަފްތާތެރޭ ޖުމްލަ 12،605 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

