ގއ ކަނޑުހުޅުދޫއަށް ކުނީގެ މައްސަލަ ބޮޑުވެ އާންމު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރުވެރިކަން އިޙްސާސް ކުރަން ޖެހިފައިވާކަމަށް އެރަށު ކައުންސިލްގެ ރައީސް ތޯރިޤް އަފީފް ވިދާޅުވެއްޖެއެވެ.
ރަށުގެ ޙާލަތު ޙިއްސާ ކުރައްވާ ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ރައީސް ތޯރިޤް ވިދާޅުވީ ރަށުގެ ކުނި ކޮއްޓަށް ޖަމާކުރާ ކުނިތައް ގިނަވެ އެއްވެސް ގޮތަކަށް ނައްތާނުލެވިގެން އުޅޭތާ 3 މަސް ވެއްޖެ ކަމަށާއި ހެވީ ވެހިކަލްގެ އެހީތެރިކަން ލިބިގެން ނޫނީ މިކަމަށް ޙައްލެއް ލިބުން ނާދިރުކަމެކެވެ. އިތުރަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ އެހާ ގިނަ ކުނިތަކެއް މުޅަވަމުންދާ ޒާތު ތަކެއްޗާއެކު ހުރުމުން ނުރައްކާތެރި ބަލިމަޑުކަމެއް އުފެދި ދާނެކަމަށައި އޮތް އެންމެ ބޮޑު ބިރަކީ އެއީ ކަމަށެވެ.
މިކަމަށް ޙައްލު ހޯދުމަށް ބޭނުންވާ އެއްވެސް އާލާތެއް ވަޞީލަތެއް ނެތް. ކުރަން އޮތް ކަމަކީ އެނދުން. މިހާރުއޮތް ހިސާބުން އެއީވެސް ރައްކާތެރި ކަމެއް ނޫން. އެހެންކަމުން އަޅުގަނޑުމެން މިދަނީ އެފަދަ އާލާތްތައް ހުރި ފަރާތްތަކާ ވާހަކަ ދައްކަމުން. މި އަތޮޅުން ނުވިއްޔެ އައްޑޫ އާއި ފޯއްމުލަކުގެ އެހީއަށްވެސް އެދޭންނަން. ކަނޑުހުޅުދޫ ކައުންސިލް ރައީސް ތޯރިޤް އަފީފް ވިދާޅުވިއެވެ.
ރައީސާ ވިދާޅުވީ މިހާރު އެކިއެކި ފަރާތްތަކާ މަޝްވަރާ ކުރެވިފައިވާ މިންވަރަށް ބަލާއިރު ހީވަނީ ލަސްތަކެއް ނުވެ އެކަށީގެންވާ ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

ކަނޑުހުޅުދޫގެ ކުނިކޮށި މިހާރު ވަނީ އެކި ބާވަތުގެ ކުނިތަކުން ފުރި ބަންޑުން ވެފައެވެ. އަދި އޭގެ ސަބަބުން ރަށުގައި ދިރިއުޅޭ އާންމު ހުރިހާ ރައްޔިތުން ވަނީ އެތައް ތަކުލީފަކާ ކަންބޮޑުވުމެއްގެ ތެރޭގައިކަމަށް ރަށުގެ ރައްޔިތުންވެސް ދަނީ ބުނަމުންނެވެ.
ކައުންސިލުން ވިދާޅުވީ ރަށުގެ ކުނި ކޮށި ހުންނަނީ އިންޖީނު ގޭއާއި 10 ވަރަކަށް ފޫޓު ކައިރީގައި ކަމަށާއި އަލިފާން ރޯކޮށް ހެދުމަކީ އެހާ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އަދި އެއީ މިމައްސަލަ ޙައްލު ނުވެދާ އެންމެ ބޮޑު އެއް ސަބަބު ކަމަށް ވެސް ކައުންސިލުން ވިދާޅުވެއެވެ.

