މިއަހަރުގެ ރަމަޝާންމަހުގެ ހަނދު ބަލާއިރު ކުރީގެ ރައީސް ޔާމީން އޮންނަވާނީ ޖަލުގައި ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ސިއްޕެ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖުލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިއްޕެ ވިދާޅުވީ އިންޑިޔާ އައުޓް ކެމްޕެއިން ކިތަންމެ ވަރަކަށް ކުރިޔަސް އެމަނިކުފާނު ދާންޖެހޭނީ ޖަލަށް ކަމަށެވެ. އަދި މިއަހަރު ރޯދައަށް ހަނދުބަލާއިރު ޔާމީން ޖަލުގައި އޮންނާނެ ކަމަށް ބުނަމުން ސިއްޕެ ވިދާޅުވަނީ ޔާމީން ކުރައްވަމުން ގެންދަވަނީވެސް ޖަލަށް ގެންދަންޖެހޭ ކަހަލަ ކަންތައް ކަމަށެވެ.
މީގެ އިތުރުން ރޭ ބޭއްވުނު ޖަލްސާގައި ސިއްޕެ ވިދާޅުވީ އިދިކޮޅުން މިހާރު ހިންގަމުންދާ "އިންޑިޔާ އައުޓް ހަރަކާތަކީ ދިވެހިންނާއި އިންޑިޔާ ޖައްސާ އިންޑިޔާގެ އެހީ ރާއްޖެއަށް ލިބުނަ ނުދިނުމަށް ރާވައިގެން ހިންގާ އަމަލެއް ކަމަށެވެ. މިފަދަ ކަންތައްތަކަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގެއްލުމެއް ކަމުން މިފަދަ ކަންތައް ކުރުމުގެ ފުރުސަތު މިސަރުކާރުން ނުދޭނެ ކަމަށް ސިއްޕެ ވިދާޅުވިއެވެ.
ފެބްރުއަރީ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓާސް ލިސްޓު މިހާރުވަނީ ޢާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާލުވީ ވޯޓާރސް ރަޖިސްޓަރީ ސަރުކާރުގެ ގެޒެޓާއި، ކޮމިޝަނުގެ ވެބްސައިޓް އަދި ކޮމަންޑޫ ދާއިރާގެ ރަށްތަކުގެ (ށ. ކޮމަންޑޫ، ށ. ފޯކައިދޫ، ށ. މަރޮށި) ކައުންސިލް އިދާރާއިން ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށާއި މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ ޑިސެމްބަރު 22 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށް ކަމަށެވެ.

