ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މުއިއްޒުއަށް މަރުގެ އިންޒާރުދީ ބިރު ދެއްކި މައްސަލައެއް ބަލައިދިނުމަށް އެދި ސިޓީ ކައުންސިލުން ލިޔުމަކުން އެދިފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މޭޔަރު މުއިއްޒުއަށް އިންޒާރު ދީފައިވަނީ، މުއިއްޒުގެ ފޭސްބުކް ޕޭޖަށް ފޮނުވި މެސެޖެއްގައެވެ. އެމެސެޖުގައި ބުނެފައިވަނީ “ކަލޭ މަރާލާނަން” އެވެ.
ސިޓީ ކައުންސިލުން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މި އިންޒާރުގެ އަމަލަކީ އެކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި ރައްޔިތުން އިންތިހާބުކޮށްފައިވާ މީހެއްގެ ފުރާނަ ދުއްވާލުމަށް އިންޒާރުދިނުމަކީ ވަރަށް ނާތަހުޒީބު، ފިނޑި އަމަލަކަށްވާތީ އެކަން އެކައުންސިލުން ކުށްވެރިކުރާ ކަމަށެވެ.
އަދި މޭޔަރު މުއިއްޒުއަށް އިންޒާރުދިން މީހާ ވީހާވެސް އަވަހަކަށް ހޯދައި، މިމައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ސިޓީ ކައުންސިލުން ފޮނުއްވި ސިޓީގައި އެދިފައިވެއެވެ.

