ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ އެންޓިޖެން ޓެސްޓު ރާއްޖޭގައި ހަދަން ފަށައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ އެންޓިޖެން ޓެސްޓު ހަދަނީ ކޮވިޑްގެ އަލާމަތްތައް ހުންނަ މީހުން ކަމަށެވެ.
އެޗްޕީއޭއިން ވިދާޅުވީ ހުޅުމާލެ ރުއްގަނޑު 1 ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ސެންޓަރުގައި ވެސް އެންޓިޖެންޓް ޓެސްޓު ހަދަން ފަށައިފައިވާ ކަމަށެވެ. މީގެ އިތުރުން މާލޭގެ ސޯޝަލް ސެންޓަރާއި ސެނަހިޔާގައި ވެސް މި ޓެސްޓު ހަދަމުންދާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
މީގެ އިތުރުން މި ޓެސްޓު ހަދަނީ، ކޮވިޑް ބަލީގެ ޢަލާމާތްތައް ފެންނަން ހުންނަ މީހުންގެ އެކަނި ކަމަށާއި ޓެސްޓުގެ ނަތީޖާ 15 މިނިޓުން ލިބޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
ރާއްޖޭގައި އާއްމުކޮށް ޓެސްޓު ކުރަނީ ޕީސީއާރް ޓެސްޓެވެ. ކޮވިޑްގެ އޮމިކްރޮން ވޭރިއަންޓާ އެކު ރާއްޖޭގައި ޕީސީއާރު ޓެސްޓު ހަދާ މިންވަރު ވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު އަނެއްކާ ވެސް އަންނަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ.
އެގޮތުން އިއްޔެވެސް ރާއްޖޭން އިތުރުން 2،484 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އަދި އިއްޔެއަކީ މިހާތަނަށް ރާއްޖޭން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ފަހަރެވެ.

