ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަހުމަދު ރިޟްވާން ވަގަށް ނެގުމަށްފަހު ގެއްލުވާލި މައްސަލައިގައި ކުރީގެ ފަނޑީޔާރު އަބްދުﷲ ދީދީ އާއި މަރުކޮމިޝަނުން ސުވާލުކޮށްފިއެވެ.
މަރުކޮމިޝަނުގެ ބޭފުޅުންނާއި ފުލުހުން ހިމެނޭހެން ޓީމެއް މެލެޝިޔާއަށް ދިޔުމަށްފަހު ދީދީއާއި ސުވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިދަތުރުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ދީދީއަކީ ރިޟްވާން ގެއްލުނުއިރު ކްރިމިނަލް ކޯޓުގެ ޤާޒީއަކަށް ހުންނެވި ބޭފުޅާއެވެ. އެމައްސަލައިގައި ތުހުމަތުކުރެވި ހައްޔަރުކުރި ދެމީހުން ކްރިމިނަލް ކޯޓުން ދޫކޮށްލިއިރު ޤާޒީއަކަށް ހުންނެވީ ދީދީ ކަމަށްވާތީ މިމައްސަލައިގައި މަރުކޮމިޝަނުން ވަނީ ދީދީ އާ ސުވާލުކޮށްފައެވެ.
މިމައްސަލައިގައި ޖޭއެސްސީއިން މީގެ ކުރިން ވިދާޅުވެފައިވަނީ އެދެމީހުން ދޫކޮށްލާފައިވަނީ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެންގެވުމަށް ކަމަށާއި މިމައްސަލައާއި ގުޅިގެން އަދީބް އާއި ދީދީގެ މެސެޖުތަކެއް ފުލުހުން ހޯދާފައިވާ ކަމަށެވެ. އެހެންކަމުން ދީދީ ވަނީ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ.
ރިޟްވާން ވަގަށް ނަގާ ގެއްލުވާލި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރެވުނު ސ.ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދު އަދި ސ.މީދޫ ސީދާ މަންޒިލް އަބްދުﷲ ހައިޝަމް، ކޯޓުން ދޫކޮށްލުމުން އެދެމީހުން ސީރިއާ އަށް ގޮސް އެގައުމުގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް އެކަން ކަށަވަރެއް ނުކުރެވެއެވެ.
މަރުކޮމިޝަނުން ވިދާޅުވީ 2021 ނިމުމުގެ ކުރިން ރިޟްވާން މައްސަލައިގައި ތަފްސީލް ރިޕޯޓެއް ނެރޭނެ ކަމަށެވެ. އެހެންނަމަވެސް އެކަން އެގޮތަށް ކޮށްފައިނުވާތީ ގިނަ ބަޔަކު ދަނީ މަރުކޮމިޝަނަށް ފާޑުކިޔަމުންނެވެ.

